މި އަހަރު ވެސް ކުޅުދުށްފުށީގެ ކޮންމެ ސުކޫލަކަށް ސިޓީ ކައުންސިލުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

މި އަހަރު ވެސް، ކުޅުދުށްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފް މިއަދު "ސަން"އަށް ވިދާޅުވީ، އެ ކައުންސިލުން އެންމެ ފުރަތަމަ ސްކޫލްތަކަށް ހިލޭ އެހީ ދިނީ 2022ގައި ކަމަށެވެ. އެގޮތުން އެ އަަހަރު 50،000 ރުފިޔާ ދިނުމަށް ފަހު، މިދިޔަ އަހަރު އެ އަދަދު އެއް ލައްކައަށް އިތުރު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކައުންސިލުން ބުނީ، މި އަހަރު 'ސުކޫލު ގްރާންޓް'އަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހުރި ކަންކަން ކުރުމަށް ކޮންމެ ސުކޫލަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުށީގައި ހިންގާ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސުކޫލާއި ޖަލާލުއްދީން ސުކޫލާއި ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ. ކުޅުދުށްފުށީ ސިޓީ ކައުންސިލުން ބުނީ، އެ ގްރާންޓް ތައާރަފުކުރުމުގެ މަގުސަދަކީ އެރަށު ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުން ކަމަށެވެ. އަދި، ސްކޫލްތަކުގެ ޕީޓީއޭއިން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގްރާންޓްގެ މަގުސަދެއްކަން އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ