ބޮޑު ޢީދު: އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އޮންނަ ލޯބީގެ ޢީދެއް
އަހަރެއް ފާއިތުވެ އަނެއްކާ ވެސް މުސްލިމުންނަށް އަންނަ އެންމެ ބޮޑު ޢީދު ކަމަށްވާ އަޟްޙާ ޢީދުގެ އުފާވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އައީއެވެ. މާތްވެގެންވާ ޙައްޖުގެ އަޅުކަމަށް ފަހު މުސްލިމުންނަށް އަންނަ މި ޢީދަކީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކަކު އަނެކަކުގެ ކެކުޅުންތައް ބަރުދާސްކޮށް މުސްލިމުންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯބި އިންތިހާއަށް ދައްކުވައިދޭ ދުވަހެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދިރިއުޅޭ މުސްލިމުންނަށް އަންނަ އަޟްޙާ ޢީދަކީ ދީނީ ޝިއާރުތައް ފާޅުކޮށް ލިބިފައިވާ އުފާވެރިކަން އެއްބަޔަކު އަނެއް ބަޔަކާ އެކު ހިއްސާކުރާ ވަރަށް އުފާވެރި ދުވަހެކެވެ. މި ދިވެހި މުޖުތަމަޢަށް ނަޒަރު ހިންގާލިއިރު ވެސް ފެންނަނީ ދާދި އެއްކަހަލަ މަންޒަރެކެވެ. ޙައްޖުގެ އަޅުކަން ނިމުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާއަށް ދިއުމަށްކުރާ ދަތުރު ފެށުމާ އެކު ދިވެހީންގެ ވެސް ކުދި ބޮޑު އެންމެން ތައްޔާރު ވަނީ ޖެހިގެން އަންނަ ދުވަހުގެ ޢީދު ނަމާދަށް ދިއުމަށެވެ. ކ.އަތޮޅު ހުރާގައި ޢީދު ދުވަހުގެ މެންދުރު ކެއުމަށް އެ ރަށުގެ ގިނަ ބަޔަކު އިންސާފުކުރަނީ--ފޮޓޯ/ދަބިލިމްބި ޢީދު ނަމާދަށް ދިއުމަށް ލާނެ އަންނައުނުން ފެށިގެން ބޭނުންކުރާނެ ހުވަނދު ވެސް މާކުރިން ތައްޔާރުކޮށްފައި ވާއިރު އެ ދުވަސް ފެށޭނީ ޢީދު ނަމާދަށް ފަހު އޮންނަ ޢީދު ސަލާމުންނެވެ. ޢީދު ސަލާމަކީ ހަމައެކަނި ތިމާ ދަންނަ މީހުންނަށް އެކަނި ކުރަން އޮންނަ ސަލާމެއް ނޫނެވެ. ޢީދު ނަމާދަށް ޖަމާޢަތަށްދާ ކޮންމެ މީހަކީ ވެސް ހިތްހެޔޮކަމުގެ ހިނިތުންވުމާކާ އެކު އެކަކު އަނެކާ ސަލާމްކުރާ ބައެކެވެ. މިއީ ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުން ފެންނަ ވަރަށް ރިވެތި އާދައެކެވެ. ޢީދު ނަމާދުގައި ބައިވެރިވާ މީހުންގެ ތެރެއިން އެންމެ ބޮޑު އުފަލެއް ލިބެނީ އެ ޖަމާޢަތުގައި ބައިވެރިވާ ތުއްތު ތުއްތު ކުދިންނަށެވެ. ސަބަބަކީ ޢީދު ނަމާދަށް ފަހު މިސްކިތުން ވެސް ހަދިޔާ ލިބޭއިރު ޢީދު ސަލާމް ކުރުމަށް ޒިޔާރަތްކުރާ އާއިލާގެ މެންބަރުންގެ ގޭގެއިންނާއި ރަޙުމަތްތެރިންގެ ގޭގެއިން ވެސް ޚާއްސަ ހަދިޔާ އާއި މީރު ކެއުންތައް އެ ކުދިންނަށް ލިބޭތީއެވެ. ޢީދު ދުވަހުގެ ހަރަކާތްތަކުގެތެރެއިން އެންމެ ބޮޑު އަދި މުހިއްމު ހަރަކާތަކީ ދުވަހުގެ ކެއުންތައް ތައްޔާރު ކުރުމަށް ކުރެވޭ މަސައްކަތްތައް--ފޮޓޯ/ހޮޓެލިއާމޯލްޑިވްސް ވެރިކަންކުރާ މާލެއަށްވުރެ ބޮޑަށް މި މަންޒަރު މިހާރު ބޮޑަށް ފެންނަނީ އަތޮޅުތެރޭގެ ރަށްފުށުގެ ދިރިއުޅުމުންނެވެ. މާލޭގެ ހަލަބޮލި މާޙައުލުން ދުރަށްޖެހިލުމަށް ފަހު ޢީދުގެ އުފާ ޙާސިލުކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަޟްޙާ ޢީދާ ގުޅިގެން ދިވެހިންގެ ސަޤާފަތާ ގުޅުންހުރި ގިނަ ކަންކަން ތަޖުރިބާ ކުރެވެއެވެ. އޭގެ ތެރޭގައި ރަށަށް ޒިޔާރަތްކުރާ މީހުންގެ މޫނަށް ކުލައަށް ބެލުމެއްނެތި ޢީދު ސަޔަށް ދަޢުވަތު ދިނުމާއި، ޢީދުގެ ޚާއްސަ މެންދުރުގެ ކެއުމަށް ދަޢުވަތުދީ އެ ދުވަހުގެ ހަވީރު ސަޔަށް ވެސް ދަޢުވަތު ދިނުން ހިމެނެއެވެ. ހަމައެއާއެކު ޢީދު ފާހަގަކުރުމަށް އިންތިޒާމުކުރާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ވެސް މި ފަރާތްތަކަށް ޚާއްސަ ދައުވަތެއް ދެވެއެވެ. މި އަހަރުގެ ޢީދު ދުވަހާ ދިމާކޮށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިވެހީންގެ ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު ދިވެހީންގެ ފަރާތުން ފެންނަ އެއްބައިވަންތަކަމާއި ރަށްފުށުގެ ސާދާ ދިރިއުޅުން ސޯޝަލް މީޑިއާގައި އަންނަނީ ހާމަވަމުންނެވެ. އެފަދަ މަންޒަރުތައް ފެނުމުން ދިވެއްސަކަށްވީތީ ކޮންމެ މީހަކު ވެސް ޝުކުރެވެރިވެވޭ ކަމުގެ އިހުސާސް ހިތުގެ އެންމެ ފުންމިނަށް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ