ކުދި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަތައް އަދި ބަލިކަށި ހެއްކާއެކު ހައްޔަރު ކޮށްފައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއު ކުރަން ރައީސް މުހައްމަދު މުއިއްޒު ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އަންގަވައިފި އެވެ.
ރައީސް ގެނެސްދެއްވާ ޕޮޑްކާސްޓުގައި މިއަދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުދި ކުށްތަކުގެ ތުހުމަތުގައި އަދި ބަލިކަށި ހެއްކާއެކު ހައްޔަރު ކޮށްފައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް އޭގެ ތެރެއިން ދޫކޮށްލެވެން ހުރި ކޮން ބައެއްތޯ ބަލަން ޕީޖީއަށް އަންގަވާފައިވާނެ ކަމަށެވެ.
"ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް، ނޫނީވިއްޔާ ބަލިކަށި ހެކިހުރި ފަރާތްތައް، މި ކޭސް ބައި ކޭސް، ޕީޖީގެ ފަރާތުން ބަލަން މިހާރު އަޅުގަނޑު ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ މައްސަލަތައް ރިވިއު ކުރުމަށްފަހު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ކުރެވެން ހުރި ބަޔަކު މިނިވަން ކުރަން އަންގާފައިވާނެ ކަމަށެވެ.
"ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބެލެން އޮތް އެންމެ ރަނގަޅަކަށް އެފަރާތްތަކުގެ ކުށްތައް ތަންކޮޅެއް ތަފްސީލުކޮށް ބަލައި، ކޭސް ބައި ކޭސް، އެ މައްސަލަތަކުގެ ތެރެއިން ޕީޖީ އިން އަނބުރާ ގެނެވެންހުރީ ކޮން މައްސަލަތަކެއްތޯ އިނގޭތޯ. ސީރިއަސް ނޫން މައްސަލަތަކުގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލަން މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މަސައްކަތް ކުރައްވަނީ މޮނީޓާ ކުރެވޭނެ ގޮތަށް ފައިގައި ޓެގު އެޅުވުމަށްފަހު ދޫކޮށްލެވޭތޯ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"[ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން] ވީހާ ވެސް ގިނަ މީހުން، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިވަރު، ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރުވާނީ ފުލުހުންނާއި ޕީޖީ އާއި އޭޖީއާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.
އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ކުށް ސާބިތުނުވާ 300 ވަރަކަށް މީހުން މިވަގުތު ވެސް ޖަލުގައި އެބަ ތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް ބައެއް މީހުން ޖަލުގައި ތިބޭތާ ހައެއްކަ އަހަރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު، ކުށް ސާބިތުނެ އެހާ ގިނަ ދުވަހު ޖަލުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން މިހެން މި ތިބެންޖެހޭ ތިބުން އެއީ، އަސްލުގައި ވަރަށް ބޮޑު މައްސަލައެއް ހަގީގަތުގައި. ދެން އެކަމަކު އެކަން ހައްލުކުރުމުގައި، މިއަދާ ހަމައަށް އައިއިރުގައި ވެސް އެކި ސަރުކާރުތަކުން އެކަށީގެންވާ ހައްލެއް ނުލިބި އޮތް ކަމެއް. ދެން އަޅުގަނޑު މެނިފެސްޓޯގައި ވެސް ހިމަނާފައި އޮންނާނެ މިކަމަށް ދާއިމީ ހައްލެއް ގެންނާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ބަލިކަށި ހެއްކާއެކު ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރަން ޕީޖީ އައްބާސްއަށް ރައީސް އަންގައިފި ބަލިކަށި ހެއްކާއެކު ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރަން ޕީޖީ އައްބާސްއަށް ރައީސް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ