މަދު ގަޑިއިރެއް ތެރޭ ފަރީދުގެ ނަމުގައި މިސްކިތް އަޅަން ފައިސާ ހަމަކޮށްފި

މިދިޔަ ހޯމަ ދުވަހު އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ނަމުގައި މިސްކިތެއް އެޅުމަށް ފައިސާ އެއްކުރުމަށް ހުޅުވާލިތާ މާ ގިނައިރެއް ނުވަނީސް އެ ފައިސާ ހަމަކޮށްފި އެވެ.
ވީ ކިިހިނެއް؟ - ފަރީދު އަވަހާރަވީ ދީނީ ދައުވަތެއްގައި އެ ދުވަހު ހަވީރު މެލޭޝިއާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ. 
ފަރީދު އަވަހާރަވުމާ އެކު އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ، ހިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފައިސާ އެއްކުރުމަށް، އިއްޔެ ހުޅުވާލާފަ އެވެ.
ތަފްސީލް - ހިދުމަތް ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ:
މިސްކިތް އެޅުމަށް ހަރަދުވާނީ ގާތްގަނޑަކަށް 760،000ރ.
އެއީ 250 އަކަމީޓަރުގެ، 455 މީހުންގެ ޖާގައިގެ މިސްކިތެއް
"ޝައިހް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަސޭހަތާއި އިލްމުން ﷲ ތައާލާގެ އިރާދަފުޅާ އެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަމު އެވެ. ޝައިހް ފަރީދުގެ ހިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށް ފަހު ވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސަދަގާތެއް ކުރަން، އެ ބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ އެވެ،" ރޭ އެ ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، އެކަން އިއުލާން ކުރިތާ ހަތް ގަޑިއިރު ތެރޭގައި ވަނީ މިސްކިތް އެޅުމަށް ބޭނުންވާ އަދަދުގެ %80 ފައިސާ ލިބިފަ އެވެ. އަދި މިއަދު ހެނދުނު އެ ޖަމިއްޔާއިން ބުނިގޮތުގައި މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާ ވަނީ އެއްވެފަ އެވެ.
ފަރީދު އިސްކޮށް ހުންނަވާ ހިދުމަތް ޖަމިއްޔާއިން މީގެ ކުރިން ވެސް ވަނީ ދިވެހިންގެ އެހީގައި، ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި ގިނަ މިސްކިތްތައް ބިނާކޮށްފަ އެވެ. އެކަމުގައި ކުރައްވާ ގިނަ ދަތުރުތަކުގައި، ފަރީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ދީނީ ދައުވަތު ދެއްވުމާއި އިސްލާމީ މައުލޫމާތު ފެތުރުއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރީދު މިއަދު މެންދުރު ނަމާދަށް ފަހު، މެލޭޝިއާގައި ވަނީ ވަޅުލައްވާފަ އެވެ. އަދި އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ފަރީދުގެ މައްޗަށް ގައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ