މެރީނާ މޮޅުވިއިރު އޮޅުވެއްޔާއި ވެލައްސަރު އެއްވަރު

ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގެ ގްރޫޕް އޭގައި ދަ މެރީނާ ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު، ސަން ސިޔާމް އޮޅުވެއްޔާއި ވެލައްސަރު މެޗު އެއްވަރުވެއްޖެއެވެ. ސައުތު ކާފު ޒޯނުގައި ދަ މެރީނާ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ މި ގްރޫޕުގައި ހިމެނޭ އެސްއޯ މޯލްޑިވްސްއާ ވާދަކޮށް 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ މެރީނާގެ ހަސަން ލައުހުއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލެވެ. ދެވަނަ މެޗުގައި ސަން ސިޔާމް އޮޅުވެއްޔާއި ވެލައްސަރު ބައްދަލުކުރި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލައްސަރުގެ އަހްމަދު ފައިޒަންއެވެ. ވެލައްސަރު ކޮޅަށް ލަނޑު ޖެހުމަށްފަހު އޮޅުވެލި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ޓެކާސް ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ޒޯނުގެ މެޗު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނެނީ ދަ މެރީނާ، އެސްއޯ މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖެވެ. ގްރޫޕް ބީގައި ހިމެނެނީ ޖޭ ޑަބްލިއު މެރިއަޓް، އޮޒެން ލައިފް މާދޫ، ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ. މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖޭ ޑަބްލިއު މެރިއަޓް އާއި އޮޒެން ލައިފް މާދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއެވެ. މި މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާ ކަމަށްވާއިރު، ފުރަތަމަ ދުވަހުގެ ދެ މެޗު އެސްއެސް ޓީވީން ވަގުތުން ގެނެސްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ