ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން އިތުރު އެލަވަންސްތަކެއް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެ އެވެ.އެހެން ކަމުން މިކަން ބަދަލުކޮށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގާނޫނު އަލުން އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ކުރަމުންނެވެ.ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި، އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް މިހާރު ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އެވެ. އެގޮތުން މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީން އެނގޭ ގޮތުގައި މިހާރު އޮތް ގޮތުން އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާ އެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް ބޮޑުވާނެ އެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެ އެވެ. މާލިޔައްތު ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ސިޓީއާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އެވެ. ނާޒިމްގެ ވާހަކައިގައި އޭނާ ވަނީ ޖޭއެސްސީގެ ސީޓީގައި އެދިފައިވާ ކަންކަން ވިދާޅުވެދެއްވާފަ އެވެ."އަޅުގަނޑަށް ހީވަނީ މި ދަނޑިވަޅުގައި މީތި ފޮނުވާފައި މިއޮތީ މިހާރު އުއްތަމަފަނޑިޔާރު [މުއުތަސިމް] ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި އޮތީމަ، އެ ބޭފުޅުން [ޖޭއެސްސީން] މީތި ފޮނުވާފައި މިއަށް އިސްލާހު ގެންނަން ބޭނުންވަނީހެން،" ނާޒިމް ވިދާޅުވި އެވެ. އެ ހުށަހެޅުމަށް ވާހަކަދައްކަވަމުން މާލިއްުޔަތު ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ ގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ވަނީ މިއީ 'ޑީލެއްގެ' ދަށުން ކުރަން އުޅޭ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ."ހަމަ މީހާ ބޭނުންވީމާ، ތިމަންނާ ރިޓަޔާކުރާނީ މި ހުރިހާ ކަމެއް ކޮށްދިނީމައޭ ބުނީމާ ރިޓަޔާމަންޓް ޕެކޭޖް ދޭންވީ،" ނުރުހުން ފާޅުކުރައްވައި ގަފޫރު ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، ވަކި ބޭފުޅަކު ރިޓަޔާކުރައްވަންވީމާ އެއްޗެއް ކަނޑާފައި ދެވިގެންނުވާނެ ކަމަށެވެ.ކޮމިޓީގައި ހަރަދު ކުޑަ ކުރާ ވާހަކަ އާއި ޑަބަލް ޕެންޝަންގެ ވާހަކަ މެންބަރުން ދެއްކެވުމަށް ފަހު، "ސަރުކާރުން ޑީލްއެއް"ގެ ދަށުން އުއްތަމަފަނޑިޔާރަށް ރިޓަޔާމަންޓަށް އިތުރު އެލަވަންސް ދިނުމަކީ "ކޮރަޕްޝަން" ކަމަށް ޝަމްހީދު ސިފަ ކުރެއްވި އެވެ.އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅު މެންބަރުން ވާހަކަ ދައްކަވަނީ "ރައްޔިިތުންނަށް އޮޅޭ ގޮތަށް" ކަމަށެވެ.ބަހުސް ހޫނުވާން ފެށުމާ އެކު ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވަނީ މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ، އެޖެންޑާގެ އެ ބައި ކުރުކޮށްލައްވާފަ އެވެ.އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު ހުއްޓިފައި އޮއްވައެވެ. ހުސްނުއްސުއޫދު ފަހުން އިސްތިއުފާދެއްވި ނަމަވެސް އަނެއް ދެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ