ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ އެމެރިކާ ޑޮލަރު ކަޅު ބާޒާރުން ވެސް ނުލިބި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މިދިޔަ ހަފުތާއިން ފެށިގެން އާންމުންނާއި ވިޔަފާރިވެރިން ވެސް ގެންދަނީ ޑޮލަރު ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ނެރޭ ވަރަށް ކަޅު ބާޒާރަށް ޑޮލަރު ނުނެރޭތީ މި ހަފުތާ ފެށުނު ދުވަހު ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރެއް ނުލިބެ އެވެ.
އިއްޔެ ވެސް ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ ބޮޑުކޮށެވެ. މިދިޔަ ހަފުތާއިން ފެށިގެން 19.40ރ. އަށް ޑޮލަރު ރޭޓު ހުރިއިރު އެ ރޭޓުގައި ވެސް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ޑޮލަރު ތަދުވެ، ވިޔަފާރިތަކަށް ހުރަސްތަކާ ކުރިމަތިވެފައި މިވަނީ ރާއްޖެއިން ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދެމުންދިޔަ ޑޮލަރު ސަޕޯޓު ފަސް ޕަސެންޓަށް ދަށްކޮށްފައި ވަނިކޮށެވެ. ޑޮލަރުގެ ސަޕޯޓު ކުޑަކުރުމާ ގުޅޭ ގޮތުން ބޭންކުތަކުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.
އެއްގޮތަކަށް ވެސް ޑޮލަރު ނުލިބޭ ކަމަށް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ކުދިކުދި އަދަދުތަކުން ލިބޭ ޑޮލަރު ވެސް ގަންނަން ޖެހިފައިވަނީ 19.50ރ. އަށްވުރެ ބޮޑު ރޭޓެއްގައި ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.
ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ދޭ ފައިސާގެ އިންސައްތަ ކަނޑައެޅުމުގެ ބާރު އޮންނަނީ ބޭންކުތަކަށެވެ. ބޭންކުތަކުން މި އިންސައްތަ ކަނޑައަޅަނީ ބޭންކުތަކަށް ލިބޭ ޑޮލަރުގެ އަދަދަށާއި އެކްސްޗޭންޖު ރޭޓު ހިފަހައްޓަން އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރަަށް ބިނާކޮށެވެ.
ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.
ހުލާސާކޮށް އިއްޔެ: ބޭރުން މުދާ ގެންނަން ޑޮލަރު ނުލިބި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުލާސާކޮށް އިއްޔެ: ބޭރުން މުދާ ގެންނަން ޑޮލަރު ނުލިބި ވިޔަފާރިވެރިންގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ