ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިނުމަށް ކޯޓުން ނިންމައިފި

2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕޯން ތަރި ސްޓޯމީ ޑޭނިއަލްސްއަށް ފައިސާ ދިން މައްސަލައިގައި ކުރެވުނު  ވިޔަފާރި ފްރޯޑްގެ 34 ދަޢުވާއިން ކުށްވެރިވެފައިވާ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެއްވެސް އަދަބެއް ނުލިބޭނެކަމަށް ކޯޓުން އިއްުޔެ ނިންމައިފިއެވެ.
ޖަޖް ޖުއާން މާޗަން އިއްވި ޙުކުމުގައި، ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ  ޕްރޮބޭޝަންގެ އަދަބެއް ޓްރަމްޕަށް ނުދިނުމަށް ނިންމިއެވެ. ނަމަވެސް، އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ރެކޯޑު ދެމިއޮންނާނެއެވެ.
މިގޮތުން ޓްރަމްޕަކީ ކުށްވެރިއެއްގެ ގޮތުގައި ރައީސްކަމުގެ މަޤާމާ ހަވާލުވާ ފުރަތަމަ ފަރާތް ކަމުގައި ވެގެންދާނެއެވެ.
ޕްރޮސެކިއުޓަރުން ކޯޓުގައި ބުނިގޮތުގައި، ރައީސްކަމުގެ މަޤާމަށް އިހުތިރާމުކުރަންޖެހޭތީ އަދި ޓްރަމްޕް ރައީސްކަމަށް ހުވާކުރަން އޮތަތީ އެއްވެސް އަދަބެއް ނުދިނުމަށް ހުށަހެޅީއެވެ.
މިދިޔަ އަހަރު ނިމުނު މި މައްސަލައިގައި ޓްރަމްޕް ކުރި ކުށަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ހޫނުވަމުންދިޔަ ދުވަސްވަރު ކުރިން އޭނާއާއެކު ޖިންސީ ގުޅުން ހިންގިކަމަށް ބުނާ ސްޓޯމީ ޑޭނިއަލްސްއަށް އަބުރު ސަލާމަތްކުމުގެ އެއްބަސްވުމެއްގެ ދަށުން 130،000 ޑޮލަރު ދިނުމާ ގުޅިގެން ކުރެވުނު ވިޔަފާރި ފްރޯޑްގެ ދަޢުވާތަކެވެ.
މިއަދު އިއްވި ހުކުމާ ގުޅިގެން މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ޓްރަމްޕްގެ ވަކީލުން ބުނެފައިވަނީ ހުކުމް އިސްތިއުނާފްކުރަން ނިންމާފައި ވާކަމަށެވެ. އެގޮތުން އިސްތިއުނާފްގެ މަރުހަލާ ކުރިއަށްދާނީ ޓްރަމްޕް ރައީސްކަމުގެ މަޤާމާ ހަވާލުވެ ހުވާކުރުމަށްފަހު ކަމަށްވެސް އޭނާގެ ވަކީލުން ބުނެފައިވެއެވެ.
ޓްރަމްޕްގެ މައްޗަށް މިހާރު އެކި ކޯޓުތަކުގައި ހިނގަމުންދާ އެތައް މައްސަލައެއްގެ ތެރެއިން މިއީ ފުރަތަމަ މައްސަލައެވެ. މީގެ އިތުރުން ޖޯޖިއާ އަދި ނިއުޔޯކް އަދި ވޮޝިންގްޓަން ޑީ.ސީގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ހުކުމް އަންނަން ވެސް އެބައޮތެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ