ޕެރަގުއާއީގެ މެޗުވާނީ ވަރަށް އުނދަގޫ މެޗަކަށް، ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ: އެމެރިކާ ކޯޗު

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހެނދުނު މުބާރާތް ބާއްވާ އެއްޤައުމު ކަމަށްވާ އެމެރިކާ އިން ޕެރަގުއާއީ އާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި އެހެން ކަމުން އެމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމުގައި އެމެރިކާ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހާމަކޮށްފިއެވެ.
ޕޮޗެޓީނޯ މިކަން ހާމަކޮށްފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
ޕޮޗެޓީނޯ ފާހަގަ ކުރިގޮތުގައި މިމެޗަށް ނިކުންނައިރު އޭނާގެ ޓީމަކީ ފޭވަރިޓުންގެގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރި ނަމަވެސް ޕެރަގުއާއީއަކީ ވަރަށް ނުރައްކާތެރި ޓީމެއް ކަމަށެވެ. ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ކުޅޭ މިމެޗާއި އެމެރިކާ ކުރިމަތިލަނީ ފިޒިކަލީ އަދި ޓެކްޓިކަލް ގޮތުންވެސް ވަރަށް ވަރުގަދަކޮށް އޮވެގެންކަމަށް އެމެރިކާގެ ކޯޗު ހާމަ ކުރެއެވެ.
ޕޮޗެޓީނޯ ފާހަގަ ކުރިގޮތުގައި އޭނާގެ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް މިވަގުތު ނެތް ކަމަށާއި 26 ކުޅުންތެރިންގެ ތެރެއިން އޭނާއަށް ފުރަތަމަ އެގާރަ ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މީގެތެރޭގައި ކުރިން އަނިޔާގައި ހުރި ޑިފެންޑަރ ކްރިސް ރިޗަޑްސްވެސް ހިމެނޭކަމަށް އޭނާ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ އޭނާގެ ކުޅުންތެރިން އަމިއްލަ ޤައުމުގެ ކުޅިބެލުންތެރިންނާއި ދަނޑުގައ ގުޅުން ގާއިމް ކުރާކަމަށްވާނަމަ އެޓީމުން ކުޅެންޖެހޭނީ މިނިވަންކަމާއެކު ޖޯޝާއި ފޯރީގަކަމަށެވެ. އަދި މިމުބާރާތުގައި އެމެރިކާގެ ޓީމަށް ކުރިއަށް ދިއުން ބޮޑަށް ބިނާވެގެންދާނީ ދަނޑުމަތީގައި ދައްކާ ކުޅުމާއި އެކު ކުޅިބަލަން ދަނޑަށް ވަންނަ އެޤައުމުގެ ރައްތިޔުން ގުޅިގެން ކުރާ މަސައްކަތުންކަމަށެވެ.
ޕޮޗެޓީނޯގެ ބެލުމުގެ ދަށުން އެމެރިކާގެ ޓީމުވަނީ ރޭގެ ވަގުތެއްގައި ފުރަތަމަ މެޗަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ފަރިތަކުރުން ބާއްވާފައެވެ. އެމެރިކާގެ ޤައުމީ ޓީމުގެ ކޯޗުކަމަށް ޕޮޗެޓީނޯ 2024 ވަނަ އަހަރު ގެނެސްފައިވަނީ މިފަހަރުގެ މުބާރާތަށް ޓީމު ބައްޓަން ކުރުން ވަރަށް ބޮޑަށް ވިސްނުމުގައި ބަހައްޓައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ