މީކާއިލަކީ ގާބިލު ބޭފުޅެއް، އެކަމަކު މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ނަޝީދު: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމަކީ ގާބިލު ބޭފުޅެއް ކަމަށާއި އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅު އެމްޑީޕީގެ އޮޑިއަށް މިވަގުތު ކޮންމެހެން ވެސް ބޭނުންވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެތެރޭގެ ހަމަނުޖެހުންތަކާއި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ހެދި މަގާމުގައި ދެމިހުރުމަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެ ޕާޓީގެ ޗެއާޕާސަން ކަމަށް ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވީ މީކާއިލެވެ. އެކަމަކު ފަހުން ނަޝީދު ވެސް އެ ޝައުގުވެރިކަން ފާޅުކުރައްވައި އެ މަގާމަށް ވާދަކުރައްވަން ނިންމަވައި މިހާރު ދަނީ ކެމްޕޭން ކުރައްވަމުންނެވެ. 
ބުނީ ކީކޭ؟ - ނަޝީދުގެ ޗެއާޕާސަން ކެމްޕޭނަށް ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ، 2022 ވަނަ އަހަރު އެ ޕާޓީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތީ، އެމްޑީޕީގެ އޮޑީގެ އާބާތުރަ ފިލުވާލައިގެން ވަރަށް ބާރަށް އެ އޮޑި ދުއްވުމުގެ ނިޔަތުގައި ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުން، ފަތުއަޑުކިޔާފައި އޭރު އެ އޮޑި ދުވަން ފެށި ނަަމަވެސް، ވަކި ހިސާބަކުން ފަޅުވެރިންނާ ދެމެދު ދިމާވި މައްސަލައަކާ ހެދި ފަޅުވެރިން ފޭބީ އެވެ. އެއާ އެކު ރިޔާ ބިދި، ހުންގާނު ހަލާކުވީ އެވެ.
އެއަށް ފަހު ވޭތުވެދިޔަ ދެ އަހަރާއި ބައިގައި ކުރި މަސައްކަތަކީ، ބިންދައިގެން ގޮސް ލޯވަޅު ކެނޑިފައި އޮތް އެ އޮޑި އަޑިއަށް ނުގޮސް ހިފަހައްޓާލައިގެން އަމާން ބަދަރަކަށް ގެންދިއުމުގެ މަސައްކަތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ މަސައްކަތުގައި ގޮންޖެހުންތައް ދިމާވިޔަސް، އަމާން ބަދަރަކަށް ގެންދެވުނު ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭގެ ފަހު ބެލިއިރު ދާން އުޅުނު އަސްލު މަންޒިލު އޮތީ ހަލާކުވެފައި ކަމަށާއި ދެން ކުރަން ޖެހުނު ކަމަކީ، މުޅި މަންޒިލު ބަދަލުކުރުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 
ފައްޔާޒު ވިދާޅުވީ:
އޭރު އެ ދިމާވި ކަންކަން ދިމާނުވި ނަމަ މި ބޮޑު ބަދަލު ގެންނާކަށް ހިތަކަށް ނާރާނެ
ދެން ވެސް ކުރާނީ ހެޔޮ ވެރިކަމެއް؛ ހާލަތު ބަދަލުވެ އެކަން ނެތިގެން ހިނގާދާނެ ކަމަށް ބަލައިގެން ކަންކަން ކުރާކަށް ދެ ފަހަރު ވެރިކަން ލިބުމުން ވެސް ހިތަކަށް އޭރު ނޭރި
އެހެންވީމާ މިއަދު ނުކުމެ މިތިބީ މި އޮޑީގެ އިންޖީނު ބަދަލުކޮށްލައި އޮޑި ވަރުގަދަކޮށްލައިގެން ހޯދަން ބޭނުންވާ މަންޒިލަކީ ބޮޑު ބަދަލުކަމަށް ނިޔަތްގަނެގެން
އެމްޑީޕީން ތިންވަނަ ފަހަރަށް ގޮސް ވެރިކަމާ ހަވާލުވެގެން ދެން ފަރުޖެހޭކަށް ނެތް؛ ދެން ހަވާލުވާންޖެހޭނީ މި ބޮޑު ބަދަލު ގެންނާނެ ކަމަށް ރައްޔިތުންނަށް ވައުދުވެގެން
އެންމެން ގޮވައިގެން މި މަންޒިލު ހޯދަން ނަޝީދު ކޮންމެހެން ވެސް މި އޮޑީގެ ހުންގާނުގައި ހުރުން މުހިންމު
"މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް. އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓު [މީކާއިލް ނަސީމް]އަކީ ވަރަށް ޒުވާން، ވަރަށް ގާބިލު ވަރުގަދަ ބޭފުޅެއް. މި ޕާޓީއަށް ވަރަށް ހިދުމަތް ކުރައްވާފައިވާ އަދިވެސް ކުރައްވަމުންދާ ބޭފުޅެއް. ނަމަވެސް މިއަދު މި ހާލަތުގައި އަޅުގަނޑުމެން އެ މަންޒިލަށް ދާން ކޮންމެހެން ވެސް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ރައީސް ނަޝީދުގެ ތަޖުރިބާ އާއި ރައީސް ނަޝީދުގެ ހިކުމަތްތެރިކަމާއި ވިސްނުންފުޅާ އެކު މި އޮޑި ކުރިއަށް ގެންދަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އަންނަ މަހުގެ 12ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު އެމްޑީޕީގެ ތެރެއިން އެއްވެސް މީހަކު ބާކީވާން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ، އެ އިންތިހާބަށް ފަހު ދެން ފެށިގެންދާނީ މި ސަރުކާރު ބަދަލުކުރުމުގެ މަަސައްކަތް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލްގެ އެންމެ ބޮޑު ސިޔާސަތަކީ، އެމްޑީޕީގެ ލީޑާޝިޕު އަބަދު އެއް ބައެއްގެ އަތްމަތީގައި ނުގެންގުޅެ، އާ މޫނުތަކާއި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އޭނާ ވަނީ، އާ ޖީލަކަށް އެމްޑީޕީ ހިންގަން ފުރުސަތު ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ