ސަޕްލައި ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވުން: ދޯނީގެ ކައްޕީގެ ލައިސަންސް ހިފަހައްޓައި، ޖިނާއީ ތަހުގީގެއް ހިންގަނީ
ސަޕްލައި ދޯންޏެއްގައި ޖެހި، ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗު އެކްސިޑެންޓުވި ހާދިސާގައި ދޯނި މަޑުނުކޮށް ދިޔަ މައްސަލައިގައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައި، ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. ޓުއާ ގާޑް ލޯންޗު ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް ހިނގިކަމަށް ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 6:19 ހާއިރެވެ. މި ހާދިސާގައި ޓުއާ ގާޑް ލޯންޗުގައި ތިބި ދެ މީހުން ކަމަށްވާ، އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 30 އަހަރުގެ ބަންގްލަދޭޝް މީހަކަށް އަނިޔާވެ، އައިޖީއެމްއެޗަށް ފަރުވާއަށް ވަނީ ގެންގޮސްފައެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފައިވާ ކަމަށާއި، ހާދިސާގެ މަދަނީ ތަހުގީގުތަކާއި ޖިނާއީ ތަހުގީގުތައް ފަށައިފައިވާ ކަމަށެވެ. އަދި ލޯންޗާއި ސަޕްލައި ދޯނި ޖެހި ހިނގި އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށް، ފުލުހުން އިއްޔެ ބުންޏެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން އިއްޔެ ބުނީ، ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ