މާރުކޭޓު ބިމުގެ މައްސަލައިގައި އާޒިމް: ރައީސްގެ މޭޔަރުކަމުގައި ހަދާފައިހުރި އެއްބަސްވުންތައް ބާތިލުކުރެވޭތޯ އެބަ ބަލަން
މާރުކޭޓު ބިމުގެ މައްސަލައިގައި މިހާރު މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހަދާފައިހުރި އެއްބަސްވުންތައް ބާތިލްކުރެވޭތޯ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ޒަމާނީ މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން މިނިސްޓްރީއިން ބުނީ މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން އަދިވެސް މިނިސްޓްރީއަށް ބިން ހަވާލުނުކުރާކަމަށެވެ. ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މިނިސްޓްރީއަށް ބިން ހަވާލުނުކުރެވިގެން އުޅެނީ، އެ ބިމަކީ ކުރީ ދައުރުގައި ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ބިމަކަށް ވާތީކަމަށް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މާރުކޭޓު ހެދުމަށް ކުރިން ދެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމުން މިހާރު މަސައްކަތްކުރަނީ އެ ދެ ކޮންޓްރެކްޓް ކެންސަލްކުރެވޭތޯ ބަލައި އެކަން ކުރުމުގެ މަސައްކަތް ކަމަށެވެ. ބިން ހަވާލުނުކުރެވިގެން އުޅެނީ އެ ދެ ކޮންޓްރެކްޓް އޮތުމުންކަމަށާއި ވިސްނުމަކީ އެ ދެ ކޮންޓްރެކްޓް ކެންސަލްކޮށް މިނިސްޓްރީއަށް ބިން ހަވާލުކުރުން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މިހާރު އެހެން ބަޔަކަށް ދީފަ އޮތް ތަނެއް އަޅުގަނޑުމެންނަކަށް މިނިސްޓްރީއަކަށް ހަވާލެއް ނުކުރެވޭނެއެންނު. ދެން މިހާރު ވިސްނުމަކީ އެ ދެ ކޮންޓްރެކްޓް ކެންސަލްކޮށްފައި ސަރުކާރަށް، މިނިސްޓްރީއަށް އެ ބިން ހަވާލުކުރުން. މާލޭގެ މޭޔަރު އާދަމް އާޒިމް މޭޔަރު މީގެ ކުރިން ވަނީ މި މައްސަލަ ހައްލުކުރަން ކައުންސިލްގެ ބައްދަލުވުންތައް ބާއްވަން މަސައްކަތްކުރި ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ކުރިއަށް ނުގެންދެވޭ ކަމަށާއި އޭރު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީއެންސީގައި ކަމަށް ވިދާޅުވެފައެވެ. ޒަމާނީ ވަސީލަތްތަކާ އެކު ހަ ބުރިއަށް އިމާރާތްކުރާ މި މާރުކޭޓު މަޝްރޫއަކީ 117 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމަންޓުގައި ޕާކުކުރެވޭނޭ ފަދަ ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ ވިއްކާ މާރުކޭޓެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި، ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ