ރާއްޖެއަށް ޕޭޕަލްގެ އިތުރުން ގޫގްލް ވެސް ގެނައީ މި ސަރުކާރުން ކަމަށާއި ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކުރުމުގެ ވައުދު ފުއްދަން އެފަދަ ބައިނަލްއަގްވާމީ ކުންފުނިތައް ގާއިމްވުމަކީ މުހިންމު ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ހިދުމަތްތައް ތައާރަފްކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އެ ހިދުމަތް ރާއްޖެއަށް ލިބެނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު، 'އެމް-ފައިސާ' މެދިވެރިކޮށެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިރޭ ގެނެސްދިން 'ނޭޝަން ޗެޓު' ޕްރޮގްރާމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވި އެ މައުލޫއަކީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމުގައި މި ސަރުކާރުން އަދާކުރި މުހިންމު ދައުރެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރީ އުރީދޫއިން ކަމަށާއި ސަރުކާރުން އުޅެނީ އެކަމުގައި އެއްވެސް މަސައްކަތެއް ނުކޮށް 'ކްރެޑިޓު' ނަގަން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި އާންމުންގެ ތެރެއިން ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ބުނީ ކީކޭ؟ - އެ ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ވައުދުފުޅެއް ކަމަށެވެ.
"ޑިޖިޓަލް އިކޮނޮމީއިން ރާއްޖޭގެ ޖީޑީޕީއަށް %15 ކޮންޓްރިބިއުޓް ކުރެވޭ ހިސާބަށް ގެންދިއުން، 2030އާ ހަމައަށް ދާން ވާއިރަށް. އެއީ އަޅުގަނޑުގެ ޓާގެޓެއް އިއުލާންކޮށްފައި އޮތް،" ރައީސް ވިދާޅުވި އެވެ.
"އެކަން ކުރުމުގައި މިކަހަލަ އިންޓަނޭޝަނަލް ޕާޓްނާސް ރާއްޖޭގައި ގާއިމްވުމަކީ މުހިންމު ކަމެއް. ގޫގްލް ވެސް މިހާރު އެ އޮތީ ރާއްޖެ އައިސްފައި. އެއީ ވެސް ހަމަ އަޅުގަނޑުމެން ވަރަށް އިސްކަން ދީގެން، އަޅުގަނޑުމެން ކުރި މަސައްކަތެއް."
ތަފްސީލު - ގޫގްލް ގެނައި ގޮތުގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ގޫގްލް ރާއްޖެއަށް ގެނެވުނީ އެމަނިކުފާނު 2024 ވަނަ އަހަރު ޔޫއެންގެ ޖެނެރަލް އެސެމްބްލީއަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުން އެދިގެން އެ ކުންފުންޏާ ބައްދަލުކޮށް، ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.
ޕޭޕަލް ގެނައުމުގައި އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމުގައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ކަމެއް ކޮށްފި ނަމަ ވެސް އޮންނާނީ އިދިކޮޅުގެ ސަރުކާރެއް އޮތް ދުވަސްވަރު، އެކަމެއްގައި ކޮންމެވެސް ކަމެއް ހިނގާފައި ކަމަށެވެ.
"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވީ ކަމެއް އަނެއްކާ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ޕޭޕަލް ހިދުމަތް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕޭޕަލް ގެނައުމުގެ މަސައްކަތް މި ސަރުކާރުގެ ވަރަށް ކުރީކޮޅުގައި ފަށައިފި ކަމަށެވެ.
"ޕޭޕަލްއަކީ ދުނިޔޭގެ ވަރަށް ބޮޑު ކުންފުންޏެއް. މިކަހަލަ ބޮޑެތި ކުންފުނިތަކާ ސީދާ ސަރުކާރުން މުއާމަލާތް ކުރުން މިއީ ކުރާ ކަހަލަ ކަންކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޕޭޕަލް ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައި އެބަހުރި ކަމަށެވެ.
"ސަރުކާރުން ފަހިކޮށްދޭން ޖެހޭ އެތައް ކަމެއް ހުންނާނެ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގާއިމްވާން ބޭނުންވާ ނަމަ. އެ މީހުންގެ ސްޓޭންޑަޑާ އެއްގޮތަށް ކަންތައްތައް ކުރާ ނަމަ،" ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުން ކުރި ކަމަކީ، އެންމެ ކުރީކޮޅުން ފެށިގެން ޕޭޕަލްއާ ރަސްމީކޮށް ކޮމިއުނިކޭޓު ކުރަން ފަށައި، އެމީހުން ބޭނުންވާ ކަންކަމަކީ [ރާއްޖޭގައި ޕޭޕަލް ހިދުމަތް ތައާރަފްކުރާ ނަމަ] ކޮބައިތޯ ބަލައި، އެއީ ރެގިއުލޭޓަރީ، އެކި ކަހަލަ ލީގަލް ކަންތައްތަކާއި މިހެން ގޮސް ތަރުތީބުކުރަން ޖެހޭ، ފަހިކޮށްދޭން ޖެހޭ ކަންތައްތައް ދެނެގަތީ."
ރައީސް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އެ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައިދިން ކަމަށާއި އެ ހުރިހާ ކަމަކަށް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ.
އެ މަސައްކަތަށްފަހު، ރައީސް ވިދާޅުވި ގޮތުގައި ލޯކަލް ޕާޓްނަރެއް ބޭނުންވާނެ ވާހަކަ ޕޭޕަލްއިން ހިއްސާކުރި އެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމަށް އުރީދޫ ހިޔާރުކުރީ ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕޭޕަލްއިން އަމިއްލައަށެވެ.
"އެހިސާބުން ދެން ސަރުކާރާއި ޕޭޕަލް އާއި އުރީދޫއިން އެކީގައި މަސައްކަތް ކުރަމުންދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ފެށުނީއްސުރެ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، ފަހިކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފަހިކޮށްދީގެން ކުރި ކަމެއް ކަމަށެވެ.
އޭގެ އިތުރުން އަދި އެ ހިދުމަތް ކިރިޔާ ތައާރަފްކުރެވުނީ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ޕޭޕަލްގެ ތެރެއިން އިތުރު ހިދުމަތްތަކާއި ޕޭޕަލްގެ ތެރެއިން އިތުރު ކަންކަން ފަހިކޮށްދިނުން ކުރިއަށް އަދި އޮތީ ކަމަށެވެ.
ޕޭޕަލް އެކަންޏެއް ނޫން؛ ރާއްޖެއަށް ގޫގްލް ވެސް ގެނައީ މި ސަރުކާރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ