ގަދަ ވަޔާ އެކު ކަނޑުތައް ގަދަ؛ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވަޔާއި ކަނޑުތައް ގަދަވުމުން ހެނދުނު ނެރުނު ޔެލޯ އެލާޓްގެ ވަގުތު މެންދުރު ފަހު 3:00 އާ ހަމައަށް މެޓް އޮފީހުން ދެންމެ އިތުރުކޮށްފި އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު 6:30 އިން 10:30 އަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހެނދުނު 11:00 އިން ހަވީރު 5:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވެ އެވެ. 
މެޓް އޮފީހުން ދެންމެ ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް މެންދުރު ފަހު 3:00 އާ ހަމަށް ޔެލޯ އެލާޓް ނެރެފަ އެވެ. 
ކަނޑުގަދަ ދުވަސްވަރަކަށް ވާއިރު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޮޑު އީދަށް ހަފުތާއަކަށް ސަރުކާރު ބަންދުވާތީ، މިއަދުން ފެށިގެން ގިނަ ބަޔަކު ޗުއްޓީއަށް ރަށްރަށަށް ދަތުރުތައް ކުރާނެ ކަމަށް ބެލެވެ އެވެ.
ކަނޑުތައް ގަދަވާނެތީ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ ރޯނުގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ގަދަވަޔާ އެކު ވިއްސާރަކުރާނެ އެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއިރު، އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ.
The most trusted news source in the Maldives
މެޓް އޮފީހުން ބަލާ މިންގަނޑުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އަދި ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ. 
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ