ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރާ މެންޓަލް ހެލްތް ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންޓަލް ހެލްތު ހޮސްޕިޓަލާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކުރުމަށް ވަކި ދިރާސާއެއްކުރެވިފައި ނެތް ނަަމަވެސް އެފަދަ ތަނެއް ޤާއިމްކުރާއިރު އެތަނެއް ހުންނަ ސަރަޙައްދަކުން ޚިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދާފައިވާއިރު މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ.
"މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" ޤީލާ ވިދާޅުވިއެވެ.
ނަފްސާނީ ފަރުވާއަކީ ވަކި ޚާއްސަ ކަންތައްތަކެއް ހިމެނޭ ފަރުވާގެ ނިޒާމެއް ކަމަށްވާތީ އެފަދަ ވަކި ހޮސްޕިޓަލެއް ހުރުން މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ގީލާ ވިދާޅުވީ އެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުންވެސް ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލް މާލޭގައި އެޅުމަށް ސަރުކާރުން ނިންމަވައި، ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، އަދުުގެ ސަރުކާރުން ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ގުރައިދޫގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި ތިބި 60 މީހުންނަށް ފަރުވާދެވި، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ޤާއިމްކޮށްފައިވާ މެންޓަލް ހެލްތު ހެލްޕް ލައިނަށް މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ ކޯލު ލިބި، ފަރުވާ ދީފައިވާ ކަމަށާއި މިއީވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގަ: މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ