މެންޓަލް ހޮސްޕިޓަލް އަޅާނީ މާލޭގައި: މިނިސްޓަރު

ނަފްސާނީ ބައްޔަށް އެންމެ ގިނަ މީހުން ފަރުވާ ހޯދަނީ މާލޭގައި ކަމަށާއި އެހެންވެ، އެ ހޮސްޕިޓަލް އަޅާނީ މާލޭ ސަރަހައްދުގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.ސަރުކާރުން މިހާރު ނިންމާފައި ވަނީ ނަފްސާނީ ފަރުވާގެ ހޮސްޕިޓަލު ހުޅުމާލޭގައި އިމާރާތްކުރާށެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް އެކަމަށް ހަމަޖައްސައިދީފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ. މާލޭ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް ހުންނަންޖެހޭ ސަބަބު ސާފުކޮށްދެއްވަަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލީގެ ހޮސްޕިޓަލަކީ ވަރަށް ހާއްސަ ފަރުވާތަކެއް ދޭ ތަނެއް ކަމަށާއި އެކަމަށް ފަރުވާދޭ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވާއިރު އެ ހުރިހާ ރިސޯސް ހުރީ މާލޭ ސަރަހައްދުގައި ކަމަށެވެ.  "އަދި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" ޤީލާ ވިދާޅުވިއެވެ.ސަރުކާރުން އެންމެ ފުރަތަމަ ނިންމީ، އިންޑިއާއިން ލޯނެއް ނަގައިގެން ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށެވެ. އެކަމަކު ލޯނު ނުލިބި ގިނަ ދުވަސްވުމާއެކު ފަހުން ނިންމީ، ސަރުކާރުގެ ހަރަދުގައި އެ ހޮސްޕިޓަލް ގާއިމުކުރުމަށެވެ.ގަމުގައި އަޅަން އުޅުނު ހޮސްޕިޓަލަށް 18 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން އޭރު ލަފާކުރި އެވެ. އެކަމަކު މާލޭގައި އަޅާ ހޮސްޕިޓަލް އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ