ކޭ-ޕޮޕް ބޭންޑް ބީޓީއެސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންގްކޫކްގެ ގެއަށް ތަކުރާރުކޮށް ގޮސް، އޭނާއަށް ފާރަލީ ބްރެޒިލްގެ އަންހެނަކު ޖަލަށްލުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މި އަންހެންމީހާ ވަނީ ކަމާބެހޭ ފަރާތްތަކުން ދިން އިންޒާރުތަކަށް ބެލުމެއް ނެތި، އެއް ދުވަހެއްގެ ތެރޭގައި 133 ފަހަރު ޖަންގްކޫކްގެ ގޭގެ ދޮރުގެ ރަނގަބީލު ޖަހާފަ އެވެ.
ވަނަވަރު ހާމަކޮށްފައި ނުވާ މި އަންހެން މީހާ، އުމުރުން 28 އަހަރުގެ ޖަންގްކޫކަށް ފާރަލާން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ބުނި ގޮތުގައި ޖަންގްކޫކްގެ ގޭގެ ދޮރުމައްޗަށް ސިޓީ އާއި ފޮޓޯތައް އަޅާފައިވަނީ އެ ލަވަކިޔުންތެރިޔާ ދެކެވާ "ލޯތްބެއްގެ" ބޮޑުކަމުންނެވެ.
ސޯލްގެ ޑިސްޓްރިކްޓް ކޯޓުން މި އަންހެން މީހާގެ މައްޗަށް އިއްވީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި ހުކުމް ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފަ އެވެ.
ކޯޓުގެ މި ނިންމުން އިސްތިއުނާފުކޮށް ކާމިޔާބު ނުވެއްޖެ ނަމަ، އޭނާ ދެކުނު ކޮރެއާއިން ޑީޕޯޓްކޮށްލާނެ ކަމަށް ބެލެވެ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި އަންހެންމީހާ އެންމެ ފުރަތަމަ ސޯލްގައި ހުންނަ ޖަންގްކޫކްގެ ގެއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ވަނީ އެ ގޭގެ ވަށައިގެން އެނބުރި، ފާރުމަތިން އެކި އެއްޗެހި އުކައި، ދޮރުގެ ހަނި ދޭތެރެއިން ސިޓީތައް އެތެރެއަށް ކޮށްޕާފަ އެވެ.
އޭގެ މަދު ދުވަސްކޮޅެއް ފަހުން އޭނާ އަލުން އެ ގެއަށް ގޮސް 133 ފަހަރު ރަނގަބީލު ޖަހާފައިވެ އެވެ.
މި އަންހެން މީހާ ހައްޔަރުކުރީ ޑިސެމްބަރު 13 ވަނަ ދުވަހު، ކާތަކެތި ޑެލިވަރީ ކުރާ މީހެއްގެ ފަހަތުން ގޮސް، ގޭގެ އަރިމަތީ ގޭޓަކުން އެތެރެއަށް ވަންނަން އުޅެނިކޮށެވެ. އޭގެ އަނެއް ދުވަހު، އެ ގެއާ ކައިރިނުވުމަށް އިންޒާރު ދިނުމަށްފަހު އޭނާ ދޫކޮށްލި ނަމަވެސް، އޭނާ އެ އިންޒާރަށް ބޯލަނބާފައެއް ނުވެ އެވެ.
ޖެހިގެން އައި ހަފުތާތަކުގައި ވެސް އޭނާ ތަކުރާރުކޮށް އެ ގެއަށް ދިއުމާ ގުޅިގެން، ޖަންގްކޫކްގެ ގޭގެ 100 މީޓަރު ކައިރިއަށް އޭނާ ދިއުން މަނާކޮށް އަމުރެއް ނެރުނެވެ.
އެ އަމުރަށް ފަހު ވެސް އޭނާގެ އަމަލުތަކަށް ބަދަލެއް ނައުމުން، ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ މި މައްސަލަ ޕްރޮސެކިއުޓަރުންނަށް ފޮނުވާފަ އެވެ.
ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ ޖުމްލަ 22 ފަހަރު ޖަންގްކޫކްގެ ގެއަށް ގޮސްފަ އެވެ.
ހުކުމް އިއްވަވަމުން ޑިސްޓްރިކްޓް ފަނޑިޔާރު ވިދާޅުވީ، މި ހުކުމް އިއްވުމުގައި ލުއި ދެވޭނެ ބައެއް ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް، ޖަންގްކޫކް އަސްކަރީ ހިދުމަތް ނިންމިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އޭނާގެ ގެއަށް ވަންނަން އުޅުނު ޗައިނާގެ އަންހެނަކު ސޯލްއިން ހައްޔަރުކޮށްފައިވެ އެވެ.
133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖެހި އަންހެނަކު ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ