ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ޖުލައި 26 އަށް ނިންމަނީ

ބޮޑުތަކުރުފާނު މަގުން މިހާރު ހަދަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ.
ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް 2 އިން 5 އާ ދެމެދުގެ މަސައްކަތްތަކެވެ. މިއީ ގާތްގަނޑަކަށް 700 މީޓަރަށްވުރެ ދިގު ސަރަހައްދެކެވެ. މި ސަރަހައްދުގެ މަސައްކަތްތައް އަމަލީގޮތުން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، މަގު ފުޅާކުރުމާއި، ބިން ހިއްކުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މަގު ފުޅާކުރުމުގެ ބައެއްގެ ގޮތުން އަތިރިމަތީގެ އިން ހަ މީޓަރަށް ބޭރަށް ޖައްސައި، މުޅިން އަލުން ވަނީ ހަދާފައެވެ. މިގޮތުން ޖުމްލަ 610 މީޓަރުގެ އަތިރިމަތީގެ ސަރަހައްދެއް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ.
އެމްޓީސީސީން ބުނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މަގު އެއްވަރުކުރުމާއި ސަބްގްރޭޑިންގް މަސައްކަތްތައް ހިމެނެއެވެ. އަދި ވަރަށް އަވަހަށް ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކުރިމަތިން ހިއްކި ސަރަހައްދުގައި 580 ސައިކަލު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގް ޒޯނެއްވެސް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން މުޅި ސަރަހައްދުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ދުވާރު ހެދުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން އުތުރު ބަނދަރާ ހަމައަށް އޮތް 380 މީޓަރުގެ ސަރަހައްދު މިހާރު ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ހިނގާ މީހުންނާއި ދުއްވާ އެއްޗެއްސަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ