ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ކެމެރާ ސިސްޓަމް ހަރުކުރަން ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރާ އެ ކުންފުނީގެ ކުރީގެ އިސް ދެ މުވައްޒަފުންގެ ޝަރީއަތަށް މީޑިއާ ނުވައްދަން މިއަދު އެދިއްޖެ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލާފައިވަނީ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި ޏ. ފުވައްމުލަކު ހޯދަޑު މައިޒާން، މަރިޔަމް ދީނާ ސޯލިހާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި މ. ފެހިވިދުވަރުގޭ އިސްމާއިލް ޝަމްއޫންގެ މައްޗަށެވެ.
އެ ދައުވާ ކުރަނީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުން ފެށުމާއެކު ދީނާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރު ވަނީ މައްސަލައިގެ ޝަރީއަތް މީޑިއާ ނުވައްދާ ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ މީޑިއާގެ އެޓެންޝަންގައި ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އަދި މީޑިއާ ނުވައްދާ މި ޝަރީއަތް ހިންގުމުން ވާނެ ގެއްލުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމާގެ އެ ހުށަހެޅުއްވުމާއެކު އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ނިޔާޒު އެ އަޑުއެހުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލެއްވި އެވެ. އަދި އަޑުއެހުން އަލުން ފެށުމަށްފަހު ގާޒީ އެންގެވީ މައްސަލަ ސިއްރުކުރަން އެދޭ ސަބަބު ތަފްސީލުކޮށް ހުށަހެޅުމަށެވެ.
އެ މައްސަލައަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެހިފައިވާ އަޑުއެހުމަކަށްވާތީ މިވަގުތު މީޑިއާގެ ހާޒިރުގައި ކުރިއަށް އެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވި އެވެ. ނަމަވެސް، ދެން އޮންނަ އަޑުއެހުމެއްގައި މައްސަލަ ސިއްރު ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
The most trusted news source in the Maldives
މީގެއިތުރުން އާޒިމާ ވަނީ ދައުވާލިބޭ ދެ މީހުންގެ ޝަރީއަތް ވަކިން ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ދައުވާލިބޭ ދެ މީހުންނަކީ އެކަކު އަނެއްކެއްގެ މައްޗަށް ހެކިބަސް ދެވޭނެ ދެ މީހުން ކަަމަށާއި އަދި ދީނާގެ ފަރާތުން ޝަމްއާންއާ ހެއްކެއްގެ ގޮތުގައި ސުވާލު ކުރަން ވެސް ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުން އެކަމަށް އިއުތިރާޒު ކުރި އެވެ. ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައަކީ އެއް ހާދިސާއެއްގެ މައްޗަށް އުފުލާފައިވާ ދައުވާއަކަށް ވާތީ ދައުލަތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމަށެވެ. އެހެންވެ، ކޯޓަށް ވެސް އިންތިޒާމީ ގޮތުން އެންމެ ފަސޭހަވާނީ މައްސަލަ އެކުގައި ކުރިއަށް ގެންދިއުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތުން މިއަދު ވަނީ ދީނާ އާއި ޝަމްއޫންގެ މައްޗަށް ދައުވާ އިއްވައިފަ އެވެ. އެ ދައުވާގައިވާ ގޮތުން ކެއިރެޓްސޫ ނަމަކަށް ކިޔާ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށް، ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް، އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި އެ ދެ މީހުން ވަނީ މަސައްކަތްކޮށްފަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
The most trusted news source in the Maldives
ދީނާ އާއި ޝަމްއޫން ވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާ ސާބިތުކުރަން ދައުލަތުގެ ހުށަހެޅި ހެކިތައް ހާމަކޮށްފައިވާއިރު، ދައުވާއަށް ޖަވާބުދާރީވުމަށާއި ދިފާއީ ހެކި ހުށަހަޅަން ދެން އޮންނަ އަޑުއެހުމަކަށް ވަނީ ތާވަލުކޮށްފަ އެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލާގައި ދެ މީހަކަށް ދައުވާ ކުރިއިރު، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުވެފަ އެވެ. އަދި އެ މައްސަލައިގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ.
ފެނަކައިގެ އިސް މުވައްޒަފުންގެ ޝަރީއަތް: މީޑިއާ ނުވައްދަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ