އޭއައިއަށް ބަދަލުވުމަށްޓަކައި އޮރެކަލް ކުންފުނިން 21,000 މުވައްޒަފުން ވަކިކޮށްފި

ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުންޏެއް ކަމަށްވާ އޮރެކަލް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ވިޔަފާރި ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ބައިނަލްއަގުވާމީ މަސައްކަތު އާބާދީން 21,000 އެއްހާ މުވައްޒަފުން ވަކިކޮށްފިއެވެ. ކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު އެ ކުންފުނީގައި މިހާރު ތިބީ 141,000 ފުލްޓައިމް މުވައްޒަފުންނެވެ. މިއީ މުޅި ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް 13 ޕަސެންޓެވެ. https://sun.mv/222512 އޮރެކަލްގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކުރުމުގެ ސަބަބުން މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހުނު އިރު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. މިއީ އޭއައި އިންފްރާސްޓްރަކްޗާ އަދި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ބިލިއަނުން ހަރަދުކުރަމުންދާ ޓެކްނޮލޮޖީ ދާއިރާގެ އެހެން ބޮޑެތި ކުންފުނިތަކުން ވެސް މިހާރު އަމަލުކުރަމުންދާ ގޮތެކެވެ. މީގެ ތެރޭގައި އެމެޒޯން އާއި މެޓާ ފަދަ ކުންފުނިތަކުން ވެސް ދާދިފަހުން ވަނީ ހާހުން މުވައްޒަފުން ވަކިކޮށްފެވެ. https://sun.mv/222536 މި ބޮޑު ބަދަލާ ގުޅިގެން މުވައްޒަފުން ވަކިކުރުމުގެ ބަދަލުގެ ގޮތުގައާއި ރީސްޓްރަކްޗާ ކުރުމުގެ ހަރަދުގެ ގޮތުގައި އޮރެކަލް އިން ފާއިތުވި އަހަރު 1.8 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އެކުންފުނިން އިންޒާރުދޭ ގޮތުގައި މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަމަށް ވަގުތީ ގޮތުން އަސަރުކޮށް، ވަކިވަކި ދާއިރާތަކުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވެދާނެއެވެ. އޮރެކަލް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ ލެރީ އެލިސަންގެ ހިއްސާއާއެކު އުފައްދާފައިވާ، އަދި މިހާރު އޯޕަންއޭއައި އާއި މެޓާ ފަދަ އޭއައިގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ޑޭޓާ ސެންޓަރުތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. https://sun.mv/190884 މި އަހަރުގެ ތެރޭގައި އެކަނި ވެސް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެ ކުންފުނިން މަދުވެގެން 50 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ އިރު، ޓެކްނޮލޮޖީ ދާއިރާގެ އެހެން ވާދަވެރި ކުންފުނިތައް ކަމަށްވާ ގޫގުލް، އެމެޒޯން އަދި މެޓާ އިން ވެސް ދަނީ މި ޓެކްނޮލޮޖީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެގޮތުން މި ބޮޑެތި ކުންފުނިތަކުން ޖުމްލަ 650 ބިލިއަނެއްހާ ޑޮލަރު އޭއައިގެ ދާއިރާއަށް އިންވެސްޓްކުރަން ރާވަމުންދާއިރު، އޭގެ ތެރެއިން އެމެޒޯން އިން އެކަނި ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރު ހޭދަކޮށް، ބަދަލުގައި 30,000 އެއްހާ މުވައްޒަފުން މަދުކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ