ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ދާނެ: ވޯލްޑް ބޭންކް
2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލި، ފަގީރުކަން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.މީގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެ ބޭންކުން ފާހަގަކޮށްފައިވަނީ ހަކަތައިގެ އަގުތައް އުފުލުމާއި އިންފްލޭޝަން އިތުރުވުމުގެ އިތުރުން މުދާ އުފުލައި ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވާ ހުރަސްތަކެވެ.ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި %2.9 ވަނީ %2.5އަށް ދަށްކޮށްފަ އެވެ.ތަކެތީގެ އަގު ބޮޑުވުމާއި ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ނުރައްކާ ރާއްޖެ އަށް ކުރިމަތިވެފައިވާއިރު، ސަރުކާރަށް ލިބޭ އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެ، އެންމެ ފަހުން ސަރުކާރުން ހިންގާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.އެންމެ ފަހުން ލިބެންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ ފަގީރުކަން ހުރީ 11.2 އިންސައްތައިގައެވެ. ހަމައެއާއެކު، އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (48.9 އިންސައްތަ) މީހުން ތިބީ ފަގީރުކަމުގެ މިންގަނޑުން ކިރިޔާ ސަލާމަތްވެފައި ކަމުން، ކުއްލިއަކަށް ދިމާވާ ހާލަތަކުން ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު އެމީހުންނަށް އޮންނާނެ ކަމުގައި ވޯލްޑް ބޭންކުން ދެކެއެވެ. ރާއްޖޭގެ ފަގީރުންގެ ތެރެއިން ކޮންމެ 10 މީހަކުން 9 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށްވީ ނަމަވެސް، ފަގީރުކަމުގެ ނުރައްކާ އަތޮޅުތަކާއި މާލެއަށް ވެސް ވަނީ ކުރިމަތިވެފައިކަން ވޯލްޑް ބޭންކުން ފާހަގަ ކޮށްފައި ވެއެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ މެކްރޯއިކޮނޮމިކް ނުވަތަ މާލީ ހަމަޖެހުން އަލުން އިއާދަކުރުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ ފުރިހަމަ ފިސްކަލް އިސްލާހީ އެޖެންޑާ އަވަހަށް ތަންފީޒުކުރުން މަޖުބޫރެވެ. ވޯލްޑް ބޭންކުން ރިޕޯޓްގައި ބުނި ގޮތުގައި މި އިސްލާހުތައް ގެންނައިރު ނިކަމެތި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި ދަރަނި ދެއްކުމަށްޓަކައި ހަގީގަތާ އެއްގޮތް މާލީ ސިޔާސަތު ގެންގުޅުން މިވަގުތަށް ވަރަށް މުހިންމެވެ.ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވިދާޅުވީ، ފާއިތުވި 10 އަހަރުގެ ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކޮންމެ ގައުމަކަށް ކުރާ އަސަރު ތަފާތުވި ނަމަވެސް، ހުރިހާ ގައުމަކަށް ވެސް އޮތް އެންމެ ބޮޑު އިމްތިހާނަކީ މިއަދުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން، މާދަމާގެ ވަޒީފާތަކާއި އިގްތިސާދީ ކުރިއެރުން ދޫކޮށްނުލައި ކުރިއަށް ދިއުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އައި.އެމް.އެފްގެ ވަފުދުން ޖޫން 4 އިން 14 އަށް ރާއްޖެއަށް ކުރި މި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންނާއި ތަރައްގީގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ