މެސީ ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމަކީ ކްލޯސާ އަށް ވެސް އުފަލެއް

ނިއުރެންބާގް، ޖަރުމަނު (ޖޫން 23) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ލަނޑު ޖެހުމުގެ ރެކޯޑް އާޖެންޓީނާގެ ތަރި ލިއޮަނަލް މެސީ، މުގުރާލުމަކީ، އޭނާ އަށް ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށް ކުރިން ގިނަ އަހަރުތަކެއް ވަންދެން މި ރެކޯޑް ހޯލްޑް ކުރި ޖަރުމަނުގެ ކުރީގެ ފޯވާޑް، މިރޮސްލާވް ކްލޯސާ ބުނެފި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ކްލޯސާ އެވެ. އެއީ، ދެން އޮތް ކުޅުންތެރިންނަށް ވުރެން ތިން ލަނޑު އިތުރަށް ޖަހައިގެންނެވެ. އެއީ، 16 ގޯލެވެ. މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުގައި ޖުމްލަ އެކު، ފަސް ލަނޑު ޖަހައި، ލަނޑުގެ ޖުމްލަ އަދަދު 18 އަށް އަރުވައިފަ އެވެ.
މިއާ އެކު، މެސީ އަކީ ފީފާ އަންހެނުންގެ ވޯލްޑް ކަޕާއި ފިރިހެނުންގެ ވޯލްޑް ކަޕަށް ބެލިޔަސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ވިމެންސް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ބްރެޒިލްގެ މާޓާ ވަނީ 17 ލަނޑު ޖަހައިފަ އެވެ. 
މިހާރު ޖަރުމަނުގެ ނިއުރެންބާގުގެ ކޯޗަކަށް ހުރި 48 އަހަރުގެ ކްލޯސާ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު ވެސް މިއީ އޭނާގެ ރެކޯޑަށް ނިމުން އަންނާނެ ފަހަރު ކަމަށް ބެލެވުނު ކަމަށެވެ. އަދި، އޭނާގެ ރެކޯޑް މުގުރާލީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާތީވެ، ކްލޯސާ ހުރީ އުފަލުންނެވެ. 
"އަހަރެންގެ ރެކޯޑް މުގުރާލީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، މެސީ. މަރުހަބާ ޗެމްޕިއަން!" ކްލޯސާ ބުންޏެވެ. 
"މިއީ، ހުރިހާ ގޮތަކުން ވެސް ރަނގަޅަށް ދިމާވި ކަމެއް. ކޮންމެ ވެސް ހިސާބަކުން ކޮންމެ ރެކޯޑަކަށް ވެސް ނިމުން އަންނާނެ. އަހަރެން މި ހުރީ ވަރަށް އުފަލުން އަހަރެންގެ ރެކޯޑަށް ނިމުން ގެނައީ މެސީ ކަމަށްވާތީ. އަަހަންނަކީ އަބަދުވެސް މެސީގެ ސަޕޯޓަރެއް،" 
ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް، މެސީ، 28 މެޗުން ހެދިއިރު، ކްލޯސާ ލަނޑުތައް ޖެހީ 24 މެޗުންނެވެ. 
ފީފާ ވޯލްޑް ކަޕްގެ 2010 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މުބާރާތްތަކުގައި ކްލޯސާ ޖަރުމަނަށް ކުޅުނުއިރު، މެސީއާ ދެކޮޅަށް ވަނީ ނުކުމެފަ އެވެ. އޭގެ ތެެރެއިން އެއް ފަހަރަކީ، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގަ އެވެ. އެ ފަހަރު ޖަރުމަނުން ތަށި ހޯދީ އާޖެންޓީނާ ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ