އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުނުއިރު ގައުމު މިވަނީ އަލުން މިނިވަންކުރަން ޖެހިފައި

އިއްޔެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާ އުފެދުނުތާ 250 އަހަރު ފުރުން ނުވަތަ އެމެރިކާގެ މިނިވަންދުވަސް ފުރުނު ތާރީޚީ ދުވަހެވެ. މި ރަސްމިއްޔާތު ކުލަގަދަކޮށް އެ ގައުމުގައި ފާހަގަކުރަމުން އެބަގެންދެއެވެ. ނަމަވެސް އެމެރިކާގެ ދުސްތޫރުގެ ރޫހާ ޚިލާފަށް މި ރަސްމިއްޔާތު ފާހަގަ ކުރަމުން ގެންދަނީ މުޅި އެމެރިކާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްކަން ދޭހަވާފަދަ ސިޔާސީ ވަންމޭން ޝޯއެއްގެ ގޮތަށެވެ. ޓްރަމްޕްގެ ޝަޚްސު ޕްރޮމޯޓްވާ ގޮތަށެވެ. އެމެރިކާގެ ދައުލަތް އުފެދިގެން ދިޔައީ މީލާދީ ގޮތުން 16، 17 އަދި 18 ވަނަ ގަރުނުގައި ޔޫރަޕްގެ އެކިގައުމުތަކުގެ މީހުން އެމެރިކާ ބައްރަށް ހިޖުރަކޮށް އެމެރިކާގެ ބައްރުގައި ވަޒަންވެރިވެ އުފެއްދި ކޮލޮނީ ތަކަކުންނެވެ. އެމެރިކާގެ ހުޅަނގު ފަޅީގައި ޔޫރަޕްގެ ވަޒަންވެރިން ގާއިމްކުރި 13 ކޮލޮނީއެއް ގުޅިގެން އެ ކޮލޮނީތަކުގެ މިނިވަންކަމަށްޓަކައި 1775 ވަނަ އަހަރު ޖޯޖް ވޮޝިންޓަންގެ ލީޑަޝިޕްގެ ދަށުން އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ހަނގުރާމައެއް ފެށިއެވެ. މި ހަނގުރާމަ ފެށީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު އިސްތިއުމާރީ ބާރު ނުވަތަ އިނގިރޭސި އެމްޕެއާ އިން މިދެންނެވި 13 ކޮލޮނީ ނިކަމެތިކޮށް ކެތްނުވާވަރަށް ޓެކްސް ނުވަތަ ޖިޒީ ދައްކަން މަޖުބޫރު ކުރުވުމާއި އެކޮލޮނީ ތަކުގެ މަންދޫބުން އިނގިރޭސި ޕާލަމެންޓްގައި ތަމްސީލުކުރުމަށް އިނގިރޭސި ދައުލަތުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް އަހަރަކަށް ދިގުދެމިގެންދިޔަ މިނިވަންކަމުގެ މިހަނގުރާމައިގާ އިނގިރޭސި ދައުލަތް ބަލިވެގެން ދިޔައެވެ. ނަތީޖާއަކަށްވީ މި 13 ކޮލޮނީ ބްރިޓިޝް ކްރައުންއިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ނިންމުމެވެ. މިއީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފަންވުމެވެ. ނުވަތަ ދައުލަތެއްގެ ގޮތުގައި އެމެރިކާ ވުޖޫދަށް އައުމުގެ ފެށުމެވެ. އެމެރިކާގެ ފައުންޑިންގް ފާދާސް އެމެރިކާގެ މިނިވަންކަން އިއުލާން ކުރީ އެކަމަށް ޚާއްސަ ލިޔުމެއް ނުވަތަ ޑޮކިއުމެންޓެއް ތައްޔާރުކޮށް އޭގެ މައްޗަށެވެ. ނަމަކީ "އެމެރިކަން ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް" އެވެ. މި ޑޮކިއުމެންޓްގެ އިބާރާތްތައް ތައްޔާރު ކުރައްވައި އެ ޑޮކިއުމެންޓް ލިޔުއްވީ 5 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ އިސްބޭފުޅަކީ ތޯމަސް ޖެފްރިސަންއެވެ. އޭނާގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޯން އެޑަމްސް، ބެންޖަމިން ފްރެންކްލިން، ރޮބަޓް ލިވިންގްސްޓަން އަދި ރޮޖާ ޝެމަންއެވެ. އޭގެކުރިން މި 13 ސްޓޭޓްގެ މަންދޫބުން ހިމެނޭގޮތަށް ޕާލަމެންޓެއް (ކޮންގްރެސް) ވަނީ އުފައްދާފައެވެ. އެމެރިކާގެ މިނިވަންކަމުގެ ޑޮކިއުމެންޓް ކޮންގްރެސްއަށް ހުށަހެޅުމުން އެއާމެދު ކޮންގްރެސްގައި ބަހުސްކޮށް ކޮންގްރެސްއިން އެއަށް ރުހުން ދިނީ މީލާދީގޮތުން 1776 އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހެވެ. މިއީ އެމެރިކާގެ މިނިވަން ދުވަހެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނަމުގައި މިނިވަންކަން އިއުލާންކުރި އެމެރިކާގެ ޖުމްހޫރިއްޔަތުގައި އޭރު ހިމެނެނީ އިނގިރޭސީންނާ ދެކޮޅަށް މިނިވަންކަމުގެ ހަނގުރާމަކޮށް އެ ހަނގުރާމަ ކާމިޔާބުކުރި 13 ސްޓޭޓެވެ. އެއީ ނިއުހަމްޕްޝާ، މަސާޗޫސެޓްސް، ރޯޑް އައިލެންޑް، ކޮނެކްޓިކަޓް، ނިއުޔޯކް، ނިއުޖާސީ، ޕެންސިލްވީނިއާ، ޑިލާވެވަރ ވާޖީނިއާ، ނޯތް ކެރޮލައިނާ. ސައުޓް ކެރޮލައިނާ، އަދި ޖޯޖިއާ މި 13 ސްޓޭޓް ނުވަތަ ކޮލޮނީއެވެ. މި 13 ކޮލޮނީއަށްފަހު ދެން އެހެން ކޮލޮނީތައް ވެސް އަލަށް އުފެއްދި އިއްތިހާދީ ވެރިކަމުގެ ކުޑައިގެ ދަށަށްވެދެ އެމެރިކާގެ ސްޓޭޓްތަކުގެ އަދަދު 50 އަށް އެރިއެވެ. އެމެރިކާގެ މިނިވަންކަން އިއުލާން ކުރުމުގެ ލިޔުން ނުވަތަ "އެމެރިކަން ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް" އަކީ 7 މާއްދާއެއްގެ މައްޗަށް އެކުލެވޭ ކުރު ލިޔުމެކެވެ. މިޑޮކިއުމެންޓް ގައި އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންވުމަށް ޓަކައި އިނގިރޭސީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހުނު ސަބަބުތަކާއި ދައުލަތް އުފެއްދުމުގެ މައިގަނޑު ސަބަބުތައް ބަޔާންކޮށްފައިވެއެވެ. މި ޑޮކިއުމެންޓްގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ކުލައަކަށް ނަސްލަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމާއި ހައްގުތައް އެއްވަރު ބައެއްކަން ހާމަކޮށްފައިވުމެވެ. އެމެރިކާގެ ސަރުކާރަކީ ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއްކަމާއި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ޣައްދާރުވެއްޖެނަމަ ސަރުކާރު ވައްޓާލުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެކަންވެސް ބަޔާންކޮށްފައިވެއެވެ. މިއީ އެ ދުވަސްވަރު ފަރަންސޭސިވިލާތުގައި އުފެދުނު މަޝްހޫރު ފިލޯސަފަރުން ކަމަށްވާ ވޯލްޓިއާ، ޖާންޖެކް ރޫސޯ އަދި ޖޯން ލޮކް ފަދަ ބޭފުޅުންގެ ޑިމޮކްރަސީގެ ފިކުރު ގެ އަސަރު އެމެރިކާގެ ފައުންޑިން ފާދާސް ގެ ވިސްނުމަށް ކޮށްފައިވާކަން އަންގައިދޭ ހެއްކެކެވެ. އެމެރިކާގެ ދަސްތޫރީ ޑޮކިއުމެންޓްގައި އެމެރިކާއަކީ ވެރިކަމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާ އަދި އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރު (3 ބާރު) ވަކިވެފައިވާ އިއްތިޙާދީ ނިޒާމެއްކަމަށް ބުނެފައިވެއެވެ. މިދަސްތޫރަކީ އެމެރިކާގެ އެންމެ މަތީ ގާނޫނު ކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ 250 އަހަރުވީ ތާރީޚަށް ބަލާއިރު 27 ފަހަރެއްގެ މަތިން މިދަސްތޫރަށް ބަދަލުތައް ގެނަސް އިސްލާހު ކޮށްފައިވެއެވެ. އެމެރިކާގެ ޖުމްހޫރިއްޔަތަށް 250 އަހަރު ފުރުނުއިރު އެމެރިކާގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދުގެ އެމެރިކާ މިވަނީ ޔަހޫދީ ޒަޔަނިސްޓުން ވެރިވެގަނެ އެމީހުންގެ ބޭނުންތަކަށް ހައިޖެކް ކޮށްފައިވާ ގައުމަކަށް ވެފައިއެވެ. މިހަގީގަތާބެހޭގޮތުން ބަރުކަނޑާލާފައި އެމެރިކާގެ އެތަށް ބަޔަކު މިހާރު ވާހަކަ ދައްކައި ބަސް ބުނަމުން އެބަ ގެންދެއެވެ. އަނެއް ހަގީގަތަކީ ގައުމުގެ 90 ފަސެންޓް މުއްސަނދިކަމާއި މުދައު ވަނީ ރައްޔިތުންގެ ތެރޭގައި ހިމެނޭ މަދުބައެއް (މަހުޖަނުން) ގެ މިލްކެއްކަމަށް ވެފައި ވުމެވެ. މަދު އަދަދެއްގެ މަހުޖަނުން ކޮންޓްރޯލްކުރާ ފިއުޑެލިޒަމް ގެ އިގްތިސާދަަކަށް އެމެރިކާ ބަދަލުވެފައި ވުމެވެ. ހިޖުރަވެރިން ބޭރުކުރާ އަދި މިނިވަންކަމާއެކު ހިޖުރަކޮށްގެން އެމެރިކާގައި ރަނގަނޅު މުސްތަގްބަލެއް ބިނާކުރުމަށް ކުރިން އެމެރިކާގައި އޮތް ރަނުގެ ފުރުސަތުތައް ގެއްލުވާލާފައިވުމެވެ. މިއަދު މުޅި އެމެރިކާއަކީ ޓްރަމްޕް ތިންވަނަ ހަގީގަތަކީ ކުރިން އެެމެރިކާއަކީ އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރި ގައުމެއް ނަމަވެސް އިނގިރޭސީންގެ އަނިޔާވެރިކަމުން މިނިވަންވި އެމެރިކާ މިއަދު އިނގިރޭސީން ފަދަ ގައުމުތަކަށް އިސްވެ ހަމަލާދީ ގައުމުތަކަށް އަރައިގަނެ ގައުމުތަކުގެ މުއްސަނދިކަން ފޭރެމުންދާ އިސްތިއުމާރީ ބާރަކަށް ވެފައިވުމެވެ. އީރާނަށް އަރައިގަނެ އީރާންގެ ވެރިކަން ބަދަލުކުރަން އުޅުނީ އިސްތިއުމާރީ އުސޫލުން އެގައުމުގެ ތެލަށް އަތްގަދަ ކުރުމަށެވެ. ވެނެޒުއެލާގެ ރައީސް ވަގަށް ނެގީވެސް އެބޭނުމުގައެވެ. ކެނެޑާގެ ތެލުގެ ރިސޯސްތަކަށް އަތްގަދަކޮށް ގްރީންލޭންޑަށް އަރައިގަންނާނެކަމުގެ އިންޒާރާއި ޕެނަމާކެނެލް ހިފާނެކަމުގެ ބިރު ގެންދަނީވެސް އިސްތިއުމާރީ އުސޫލުން ގައުމުތަކުގެ ގުދުރަތީ ވަސީލަތްތަކަށް އަތްގަދަ ކުުރުމުގެ މަގްސަދުގައެވެ. މިއަދު އެމެރިކާ ގެ ސިޔާސީ އަދި އިގްތިސާދީ ކޮންޓްރޯލް އޮތީ ޔަހޫދީ ޒަޔަނިސްޓުންގެ އަތްދަށުގައި ކަމަށް އެމެރިކާގެ ގިނަ ބަޔަކު ދަނީ އިހްސާސް ކުރަމުންނެވެ. ޒަޔަނިސްޓުންގެ ކޮންޓްރޯލްގައި މިއަދު އެމެރިކާ އެހީވަމުންދަނީ މިނިވަންކަން ނިގުޅައިގަނެ ނަސްލު ނައްތާލަމުންދާ ޔަހޫދީ އިސްރާއީލަށެވެ. އެމެރިކާގައި ކުރިން އޮތް ރަނގަނޅު ސިފަތައް ގެއްލި އެމެރިކާ މިއަދު ވެފައިވަނީ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދަށް ގޮންޖަހަމުންދާ ރޯގް ސްޓޭޓަކެކެވެ. އެއްބައި ގައުމުތަކުގެ ވެރިން މަރައި އަނެއްބައި ގައުމުތަކުގެ ވެރިން ވަގަށްނަގަމުންދާ އަދި އދ. އަށް ގޮންޖަހާ ނުކިޔަމަންތެރި އެކަހެރިވެފައިވާ ގައުމަކަށެވެ. ތިން ބާރު ވަކިވެފައިވާ އެމެރިކާގެ ޑިމޮކްރަސީ މިއަދުވަނީ ތިން ބާރު ކޮންޓްރޯލް ކުރާ ޚުދުމުޚްތާރު ވެރިއެއްގެ ދަށުވެފައެވެ. އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާތަކުގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވަނީ އޭނާއަކީވެސް އެމެރިކާގެ ބާނީންނާއި ފައުންޑިންގް ފާދާސް ފަދަ ބޭފުޅެއްކަމެވެ. އެމެރިކާގެ ފައުންޑިންގް ފާދާސްގެ ލިސްޓްގައި އޭނާގެ ނަންހިމަނަންޖެހޭނެކަން ޓްރަމްޕް ވަނީ ނުސީދާ ގޮތެއްގައި ވިދާޅުވެސް ވެއެވެ. މިހަފްލާތަކުގައި އެމެރިކާގެ ދައުލަތަށް ވުރެ އިސްކަންދެނީ ޓްރަމްޕްގެ ޝަޚުސު ޕްރޮމޯޓް ކުރުމަށެވެ. މިކަމުގެ އިހުސާސް އެމެރިކާގެ ރައްޔިތުން މިއަދު ދަނީ ކުރަމުންނެވެ. މިކަން އެމީހުން ގެ ދުލުން ހާމަކުރަމުންދާއިރު އެމެރިކާގެ މިނިވަން ޚިޔާލުގެ ނޫސްތަކާއި މިނިވަން ފިކުރުގެ މުފައްކިރުންވެސް މި ހަގީގަތްތައް ހާމަކުރަމުން ގެންދެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ހަގީގަތުގައި އެމެރިކާގައި މިހާރު ހުރަސްތަކެއް އެބަހުއްޓެވެ. 250 އަހަރަށްފަހު މިހާރު އެމެރިކާގެ އެތެރެވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ގައުމުގެ އިގްތިސާދުވަނީ ދަރަނިން ގެނބިފައެވެ. އެމެިރކާ ވަނީ ދަރަނިން ހިންގާ ގައުމަކަށް ބަދަލުވެފައެވެ. ޑޮލަރުގެ ބާރު ކަނޑިއްޖެނަމަ ވަގުތުން އެމެރިކާ އޮތީ އިފްލާސްވާ ހިސާބުގައެވެ. މހުރިހާ ކަމަކާއެކު އިއްތިޙާދީ ވަރުގަދަ ބާރެއްގެ ގޮތުގައި އެމެރިކާއަށް ދެމި އޮވެވޭނީ ކިހާ މުއްދަތެއްގެ ތެރޭގައިކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ