2 އަހަރަށް ހެރިޓޭޖް މިނިސްޓްރީ އިޝްތިހާރުކޮށް ޕީއާރު ހިންގާނެ ބަޔަކު ހޯދަނީ

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހެރިޓޭޖް އެންޑް އާޓްސް މިނިސްޓްރީ އިޝްތިހާރުކޮށް، އެ ތަނުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ވީކިހިނެއް؟ - ހެރިޓޭޖް މިނިސްޓްރީ އާއި އެ މިިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ ޕީއާރާއި މީޑިއާ މަސައްކަތްކުރުމަށް ބަޔަކު ހޯދަން، އެ ކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންދާސީ ހިސާބުތައް ހުށަހަޅަން ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30އާ ހަމައަށެވެ.
ތަފްސީލް - ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުގައިވާ ހަތް އިދާރާއެއްގެ އިތުރުން މިނިސްޓްރީގެ މަަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ ޕީއާރު ވެސް ހިންގައިދޭން ޖެހެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)
ނެޝަނަލް ސެންޓާ ފޮ ދަ ކަލްޗުރަލް ހެރިޓޭޖް (އެންސީސީއެޗު)
ދިވެހި ބަހުގެ އެކަޑަމީ
ނެޝަނަލް ބިއުރޯ އޮފް ކްލާޝިފިކޭޝަން (އެންބީއެޗު)
ނެޝަނަލް އާކައިވްސް (ގައުމީ އަރުޝީފު)
ނެޝަނަލް ލައިބްރަރީ (ގައުމީ ކުތުބުހާނާ)
ޕީއާރު މަސައްކަތްތަކާ ހަވާލުވާ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވަނީ:
މިނިސްޓްރީގެ ހަރަކާތްތަކާއި ސިޔާސަތުތަކާއި ކާމިޔާބީތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން
ހުރިހާ އިދާރާތަކުގެ ބްރޭންޑިން އެއްގޮތްކޮށްގެން ގެންދާނެ ގޮތުގެ މާކެޓިން އަދި ޕީއާރު ސްޓްރެޓެޖީއެއް އެކުލަވާލުން
ކޮމިއުކޭޝަން ހިންގާނެ ގޮތުގެ ލަފާ މިނިސްޓްރީގެ ލީޑާޝިޕަށް ދިނުމާއި އޭގެ ޕްލޭންތައް ހިންގައިދިނުން
މީޑިއާތަކާއި ނޫސްތަކާ އެކު ގުޅުން ބަދަހިކުރުމާއި މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ހިމެނޭ ގޮތަށް ޕީއާރު އިވެންޓްތައް އިންތިޒާމުކޮށް ހިންގުން
މިިނިސްޓްރީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑަލްތަކަށް ކޮންޓެންޓް އުފެއްދުމާއި ގިނަ މީހުންނަށް ކޮންޓެންޓް ވާސިލްކުރުމަށް މަސައްކަތްކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ