އަހަރުގެ މިހާތަނަށް 8 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން؛ ނަމަވެސް މި މަހު 5.4 އިންސައްތަ ދަށް!
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު އަށް ލައްކައަށްވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.4 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 813,510 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 878,492 ފަތުރުވެރިންނެވެ. ފަތުރުވެރިންތަކެއް ރާއްޖެ އައުން -- ފޮޓޯ/ އެމްއޭސީއެލް ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 202,214 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު މި އަދަދު ވަނީ 216,544 އަށް އުފުލިފައެވެ. އަދި މާޗް މަހު 216,309 ފަތުރުވެރިން އަދި އޭޕްރީލް މަހު 207,707 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 125,682 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 15.5 އިންސައްތައެވެ. ދެވަނައިގައި 107,368 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 73,493 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާއަކީވެސް ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. ރާއްޖެއައި ފަތުރުވެރިންގެ ޓޮޕް މާކެޓުތައް:* ޗައިނާ: 125،682 ފަތުރުވެރިން* ރަޝިއާ: 107،368 ފަތުރުވެރިން* އިނގިރޭސިވިލާތް: 73،493 ފަތުރުވެރިން* އިޓަލީވިލާތް: 66،333 ފަތުރުވެރިން* ޖަރުމަނުވިލާތް: 54،483 ފަތުރުވެރިން ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި -- ފޮޓޯ/ އެކްސްޕްލޯ މޯލްޑިވްސް ފަތުރުވެރިންގެ އިތުރުން، ވިޔަފާރި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނާއި ކްރޫޒް ލައިނާތަކުގައި އަންނަ ފަސިންޖަރުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 6,407 މީހުން ވިޔަފާރި ވިސާގައި ޒިޔާރަތްކޮށްފައިވާއިރު، 8,263 މީހުން ކްރޫޒް ފަސިންޖަރުންގެ ގޮތުގައި ވަނީ ރާއްޖެއަށް އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 6,972 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންގެ ތަފާސްހިސާބު:* ރިސޯޓް: 567،371 ފަތުރުވެރިން* ގެސްޓްހައުސް: 202،815 ފަތުރުވެރިން* ހޮޓެލް: 21،682 ފަތުރުވެރިން* ސަފާރީ: 18،225 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ޖުމްލަ 807,016 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން، މާފަރު އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ފަތުރުވެރިން ވަނީ އެތެރެވެފައެވެ. މިހާރު ފަތުރުވެރިން އަންނަ ދުވެލީގައި ކުރިއަށްދާނަމަ، އަހަރު ނިމޭއިރު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ރާއްޖެ އަންނަނީ މެދުއިރުމަތީގެ ރޫޓްތަކުންނެވެ. އެކަމަކު، އެ ރޫޓްތަކުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެ ގޮންޖެހުން ރާއްޖެއަށް ވަނީ ބޮޑުވެފައެވެ. ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ