ސައުދީއަށް ދަތުރު ނުކުރަން އަދި ނާންގާ: މިނިސްޓްރީ

ކޮވިޑް-19 ފެތުރޭތީ އުމްރާއަށް މީހުން ދިއުން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ވަގުތީ ގޮތުން މަނާ ކުރިކަން ރަސްމީ އެއްވެސް އިދާރާއަކުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އުމްރާއަށް ދިޔުން މަނާ ކޮށްފައިވާކަން އެނގުނީ ނޫސްތަކުގައި އެ ހަބަރު ޝާއިއު ކުރުމުން ކަމަށާއި އެކަން ސައުދީގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައި ނެތް ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ފަދަ ބަޔާނެއް ސައުދީން ނެރުމާއި ގުޅިގެން ދިވެހި ސަރުކާރާއި ސައުދީ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އުމްރާ އަޅުކަމަށް ފުރަން މިއަދު މީހުން އެއާޕޯޓަށް ގޮސް ތިބުމުން އެމީހުންނަށް ފުރޭނެ ގޮތެއްހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ނުރައްކާ ބޮޑުވަމުން ދާތީ ބަލި އެންމެ ގަދައަށް ފެތުރޭ ގައުމުތަކުން އެ ގައުމަށް ޓޫރިސްޓުންގެ ގޮތުގައި މީހުން އެތެރެވުން މަނާކޮށް މި ދުވަސްވަރު އުމްރާއަށް މީހުން ދިއުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އެ ގައުމުން ބުނީ އެ ފިޔަވަޅު އެޅީ ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންގެ ރައްކަލަކަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ