ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ވަކާލާތުކޮށް ނަތީޖާ ހޯދާ ޤައުމެއް: ކޮމަންވެލްތުގެ އެސްޖީ

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޢަމަލީ ގޮތުން މަސައްކަތްކޮށް ނަތީޖާ ހޯދާ ޤައުމެއްކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކޮޕް26 ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ" އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސް މަންދޫބުންނާއި ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ހިމެނިވަޑައިގެންނެވިއެވެ.
މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަކާލާތުކޮށް، ޢަމަލީ ގޮތުން މަސައްކަތް ކުރާ ޤައުމެއްކަމާއި އަދި ރާއްޖެއަކީ ނަތީޖާއާ ހަމައަށް ވާޞިލުވާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއަށް ތަޢުރީފު ކުރައްވާފައެވެ.
ސްރީލަންކާ ސަރުކާރާއި އިންޓަރނޭޝަނަލް ނައިޓްރޯޖަން މެނޭޖްމަންޓް ސިސްޓަމް (އައި.އެން.އެމް.އެސް) ގުޅިގެން "ރީޑިސްކަވަރިންގ ނައިޓްރޯޖަން" ގެ ނަމުގައި ކޮޕް26ގެ ހަވާސާގައި ބޭއްވި މި އިވެންޓަކީ "ނައިޓްރޯޖަން ފޯރ ނެޓްޒީރޯ" ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އިވެންޓެކެވެ.
މި ތީމުން، ސައިންޓިފިކް ގޮތުން ސްކޮޓްލެންޑުގައި ނައިޓްރޯޖަން ހޯދިތާ 250 އަހަރު ފުރޭ މުނާޞަބާ ރަމްޒުކޮށްދިނުމުގެ އިތުރުން މިއީ މޫސުމާއި ތިމާވެށީގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ނައިޓްރޯޖަން އަލުން ހޯދުމަށް ނުވަތަ "ރީޑިސްކަވަރ ނައިޓްރޮޖަން" އަށް މަސައްކަތްކުރުމަށް މުހިންމު ދަނޑިވަޅެއްކަން ވެސް ރަމްޒުކޮށްދެއެވެ.
.
ނައިޓްރޯޖަން ފޯރ ނެޓްޒީރޯ ހަރަކާތަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، އެޑަޕްޓޭޝަނަށް މަސައްކަތްކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނައިޓްރޯޖަން މެނޭޖްކުރުމުގެ ބޭނުންތެރިކަން އަންގައިދިނުމަށް ކުރިޔަށްގެންދާ، އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުވަމުން އަންނަ ހަރަކާތެކެވެ.
މި ހަރަކާތުގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރާއިރު، މޫސުމަށް އަންނަ ބަދަލުތަކުގައި ނައިޓްރޯޖަން އަދާކުރާ ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކޮޕް-26ގެ ބައްދަލުވުމުގައި ނައިޓްރޯޖަން މެނޭޖްކުރުމަށް ހުރިހާ ޤައުމަކުން އެއްބަސްވެވޭ އަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ