ވައުދުތައް ފުއްދުމަށްޓަކައި ވަޒީރުން އިސްކަމެއް ނުދެއްވާ: މުހައްމަދު އަބްދުﷲ ޝަފީގް

ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ވަޒީރުން އިސްކަމެއް ނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.
ފެލިދޫ ރަށްގިރުމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ އަދުލު އިންސާފާއި، ހަމަހަމަ ކަމާއިއެކު ކަންކަން ކުރާ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ނަމޫނާ ދައްކަންޖެހެނީ ސަރުކާރުގެ ވެރިކަންގެ ކިބައިކަމަށާއި ރަށްތަކުގެ ތަރައްގީގެ ކަންކަން ކުރަމުންދަނީ އިންސާފުން ނޫންކަމަށެވެ.
ރައްޔިތުންގެ ކުރިމަތީގައި ރައީސް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ވަޒީރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ ދާއިރާގެ މަސައްކަތްތައް އަވަސް ކުރުމަށް މެމްބަރުން ހިނގަން ޖެހިފަ އޮތީ ވަޒީރުންގެ ގާތަށް ކަމަށެވެ.
ވެލިދޫ ދާއިރާއަށްވެސް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކަންކަން ނުވެ ދައުރު ނިމިގެންދާތީ ކަންބޮޑުވާކަން ހާމަކުރައްވާ މެމްބަރު ވަނީ ބަޖެޓުގައި ކަންކަން ޖަހައި ނުފުއްދޭތީ ރައްޔިތުން ނުހަނު ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ.
ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެގޮތުން ފޮއްދޫގައި ގިރާ ސަރަހައްދެއް ކޮންމެވެސް ގޮތަކަށް ހިމާޔަތްކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް އެކަމަށް އަދިވެސް ދާއިމީ ހައްލެއް ނުލިބޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ބަޖެޓުގައި ހިމަނާފައިވާ ކަންކަން އެ މުއްދަތެއްގައި ހިނގަން ޖެހޭނެ ކަމަށާއި ދައުލަތުން ބޭކާރު ޚަރަދު ކަންކަމަށް ކުރާތަން ފެންނާތީ އެކަމަށް ފާޑުވިދާޅުވެ މެމްބަރު ވަނީ ބަޖެޓް ކުރެވިފައިވާ ކަންކަން ނުކުރެވި ރައްޔިތުންގެ ތާއީދެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރަށް މެމްބަރު ވިދާޅުވީ މަޖިލީހަށް އައީ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަށް ކަމަށާއި އެކަން އެގޮތަށް ނުދާނަމަ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ހައްގު ބަސް ބުނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ