މޫސުން ގޯސް، ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަވެ ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން މިރޭ ބުނީ ކުރިއަށް އޮތީ ވިއްސާރައިގެ ތިން ދުވަސް ކަމަށެވެ. މި ދުވަސްތަކުގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
ސިފައިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ހަނދާންކޮށްދީފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މައުލޫމާތު އެންގުމަށާއި އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެދިފައެވެ.
ހާއްސަކޮށް ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދު ތަކަށް އަމަލު ކުރުމަށާއި ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް އެދިފަައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ