ހަރަކާތްތެރިނުވާ ސިޔާސީ 7 ޕާޓީއަކަށް ފައިސާ ނުދޭން ނިންމައިފި

ސިޔާސީ ހަރަކާތްތައް ނުހިންގާ ހަތް ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ފަޔާޒް (އެފްއޭ ފަޔާޒް) އުފައްދަވާ މޯލްޑިވްސް އިންޑަސްޓްރިއަލް އެލަޔަންސް (އެމްއައިއޭ) އުފެއްދުމަށް ހުއްދަ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަލީ މުހަންމަދު މަނިކު ވިދާޅުވީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ މިންވަރަށް އެ ހަތް ޕާޓީން އޮޑިޓް ރިޕޯޓް ހުށަނާޅާ ކަމަށާއި ގިނަ ޕާޓީތަކުގެ އޮފީސްތައް ހުންނަ ތަންވެސް އެ ކޮމިޝަނަށް ނޭނގޭ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅުނު ލާރި ބެހުމުގަ ބަލައިލިއިރު ހަތް ސިޔާސީ ޕާޓީ އަޅުގަނޑުމެން މި ކަނޑައަޅާ މިންގަނޑަށް އޮޑިޓް ރިޕޯޓާ އަދި ހަރަކާތްތައް ނުހިނގާތީ މި ޕާޓީތައް އުފެދިފަ އޮފީސްތައްވެސް ހުޅުވިފަ ނުހުންނާތީ، ރައްޔިތުންނަށް އޭގެ ހިދުމަތެއް ނުލިބޭތީ ހަތް ސިޔާސީ ޕާޓީއެއްގެ ފައިސާ ހިފަހައްޓާފަ ވަނީ،" މަނިކު ވިދާޅުވިއެވެ.
ރާއްޖޭގައި 16 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 15 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ ދޫކުރާކަށް އަދި ނުފަށަ އެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫނުކުރާނީ ކޮން ޕާޓީތަކަކަށް ކަމެއް އިލެކްޝަނުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ