ހަވީރު ގަންނަން އެމްޑީޕީ އާއި ޖީއައިޕީއަށް ތާއީދުކުރާ ވިޔަފާރިވެރިޔަކު ހުށަހަޅައިފި

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ މަޝްހޫރު ނޫސް ހަވީރު ވިއްކާލަން އެތަނުގެ މަސްއޫލުވެރިޔާ ނިންމަވާފައިވަނިކޮށް އެނޫސް ގަތުމަށް ހުށަހެޅުއްވި ވިޔަފާރިވެރިންގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) އަށް ތާއީދުކުރައްވާ ވިޔަފާރިވެރިން ހިމެނޭ ކަމުގެ މައުލޫމާތު އެމްވީޔޫތަށް ލިބިއްޖެ އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާޣެ އެމްޑީޕީ މެންބަރު އަބްދުﷲ ޖާބިރާއި މާލެ ސިޓީ ކައުންސިލް މެންބަރު ސަރަނގު އާދަމް މަނިކު ވަނީ ހަވީރު ގަތުމަށް ހުށަހަޅާފައެވެ.
ސަރަނގު އާދަމް މަނިކަކީ އެމްޑީޕީ މެންބަރެއް ކަމުގައިވިޔަސް ގައުމީ އިއްތިހާދު ޖަލްސާގައި ބައިވެރިވެވަޑައިގަންނަމުންދާ ބޭފުޅެކެވެ. އަދި ދާދި ފަހުން ރައީސްގެ ހާއްސަ މަންދޫބަކަށް އުޖޫރަ ނުލިބޭ ގޮތަށް ސަރަނގު އާދަމް މަނިކު ވަނީ އައްޔަންކުރައްވާފައެވެ.
ހަވީރު ނޫސް ވިއްކާލުމާއި މެދު ހަވީރުގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަދި ހަވީރުގެ ސީނިއާ ނޫސްވެރިޔަކަށް ގުޅައިގެން އެމްވީޔޫތު އޮންލައިންއިން މައުލޫމާތު ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. ނަމަވެސް ހަވީރު ނޫސް ވިއްކާލަން ނިންމި ނިންމުމާއި މެދު އޭނާ ހިތްހަމަނުޖެހިފައި ހުރިކަން އޭނަގެ ވާހަކައިން އެނގެ އެވެ.
އެމްވީޔޫތަށް ކަށަވަރުވެފައިވާ ގޮތުން ހަވީރު ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނޫސް ވިއްކާލުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ޑރ.މުހައްމަދު ވަހީދަށް ތާއީދުކުރައްވާ ސަރަނގު އާދަމް މަނިކަށެވެ.
ނަން ހާމަކުރައްވަން ބޭނުންނުވާ ރައީސް އޮފީހުގެ މީޑިއާ އޮފިޝަލެއް ވަނީ ރައީސް ވަހީދު ޓީވީ އާއި ރޭޑިއޯ ސްޓޭޝަނެއްގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަވީރު ނޫސް ރައީސް ޑރ.މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދުން ގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ރައީސް ވަހީދު ރިޔާސީ އިންތިހާބާއި ކުރިމަތިލައްވާއިރު ރާއްޖޭގެ މީޑިއާގެ ބޮޑު ބައެއް އެމަނިކުފާނުގެ ޕާޓީއިން ކޮންޓްރޯލްކުރާނެ." ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ހަވީރު ނޫސް ގަތުމަށް 3 މިލިއަން ޑޮލަރަށްވުރެން ބޮޑެތި އަގުތަކެއް ވަނީ ހުށަހަޅާފައެވެ. އަދި މި ހަފްތާ ތެރޭގައި ނޫސް ވިއްކާލުމުގެ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ނޫސް ވިއްކާލަނީ ހަވީރު ސާވިސްގެ ދަށުން ހިންގާ ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ލޯމާފާނު ޕްރިންޓާއި ހަވީރު މަލްޓިމީޑިއާ ރިސޯސްގެ އިތުރުން ހަވީރުގެ ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.
ހަވީރު ނޫސް ހިނގަމުންދާތާ ވަނީ 34 އަހަރު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ