ފޮއްދޫ މީހުން ވޯޓު އޮޅުވާލި ކަމަށް އުމަރު ބުނުމުން އެކަން ކުށްވެރިކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގެ އެންމެހާ ކަންކަން "ޕީޕީއެމް އެންމެންގެ ފޮއްދޫ" ގޮފިން ކޮށްފައިވަނީ ވަރަށް އިހްލާސްތެރިކަމާއިއެކީ އަމާންކަމާއި އޮމާންކަމާއިއެކުގައި ކަމަށާއި ފޮއްދޫ މީހުން ވޯޓު އޮޅުވާލި ކަމަށް އުމަރު ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށް އެގޮފިން ބުނެފި އެވެ.
އެގޮފިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވި މެންބަރުންގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އެޅި އެމެންބަރުންގެ އަބުރާއި އިއްޒަތް އަދި ރަށަށް ހުތުރުވާ ގޮތަށް މުޅި ދިވެހި ރާއްޖެއަށް ލައިވްކުރި އުމަރު ނަސީރުގެ ޖަލްސާގައި އުމަރު ނަސީރު ވާހަކަދައްކާފައިވުމީ ޑިމޮކްރަސީގެ މަފްހޫމްތައް އުމަރަށް ދޭހަވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެ ކަށަވަރުވެފައިވާ ކަމެއް ކަމަށެވެ.
އުމަރު ނަސީރު ފަދަ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މިފަދަ އިބާރާތުން ވާހަކަދެއްކެވުމުން ދޭހަވެގެންދަނީ ޕާޓީގެ މެންބަރުންގެ މެދުގައިވާ ބަދަހި ގުޅުމާއި އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމަށް އެޅުނު ނާތަހުޒީބު ފިނޑި އަމަލެއް ކަމަށާއި އުމަރުގެ އެވާހަކަތަކަކީ ޕާޓީ މެންބަރުންގެ މެދުގައި ޝައްކު އުފެއްދުމަށް ކޮށައިދިން މަގެއް ކަމަށް ދެކޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އެބަޔާނުގައި ވަނީ ޕާޓީގެ މެންބަރުންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މީގެކުރިން އުމަރު ނަސީރު ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ ފޮއްދޫގައި އޭނާއަށް ފާހަގަ ޖެހި ވޯޓު ކަރުދާސްތައް ނަގާ އެވޯޓުތަކުގައި ދެފާހަގަ ޖަހާ ބަތިލްކޮށްލީ އެ ފޮއްޓާއި ހަވާލުވެގެން ހުރި މީހަކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ