އެޗްއާރުސީގެ ޑިރެކްޓަރެއް ވަޒީފާ އިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 60،025 ރުފިޔާ ދެއްކުމަށް ޓްރައިބިއުނަލުން އަންގައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރަކަށް ހުންނެވި އަންހެން ބޭފުޅެއް، ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސްދޮޅަސް ހާހަރަށްވުރެ ގިނަ ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރު، މެނޭޖްމަންޓް އެންޑް ފިނޭންސިންގެ މަގާމުގައި ހުންނެވި އާގިސާ މޫސާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވާ އެ މައްސަލަ ޓްރައިބިނަލުން ނިންމާފައިވާ ގޮތުގެ ރިޕޯޓްގައި ބުނެފައި ވަނީ އާގިސާ އެޗްއާރުސީގެ ވަޒީފާގައި ހުންނަވަނިކޮށް އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްއާރުސީ އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.އާގިސާ ވަޒީފާ އިން ވަކިކުރި ތާރީހު ކަމަށްވާ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިދިޔަ ޑިސެންބަރ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޭނާ އަށް އެހެން ވަޒީފާއެއް ލިބުމަށްދާންދެން ހިނގައިފައިވާ މުއްދަތާ ހަމައަށް އޭނާ އަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތަކަށްވާ ފަސްދޮޅަސް ހާސް ފަންސަވީސް ރުފިޔާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އާގިސާ އަށް ދައްކައި ހަލާސްކުރުމަށް ފަހު އެކަންތައް އެ ޓްރައިބިއުނަލަށް އެންގުމަށް ވެސް އެޗްއާރުސީއަށް ޓްރައިބިއުނަލުން ވަނީ އަންގައިފަ އެވެ.އެ ނިންމުމުގައި އިތުރަށް ބުނެފައި ވަނީ އާގިސާ ވަޒީފާ އިން ވަކިކުރީ އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހު ވެސް އޭނާގެ މަސައްކަތުގެ އަހުލާގާއި ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބުތައް ހުރެގެން ކަމަށް އެޗްއާރުސީން ބުނާ ކަމަށެވެ. އަދި ކޮމިޝަނުގެ ނިންމުމާ ހިލާފް އަމަލުތަކެއް އާގިސާގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާ ކަމަށް އެޗްއާރުސީން ބުނާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ. ނަމަވެސް އެ ކަންތައްތައް އެޗްއާރުސީން ސާބިތުކޮށްދީފައިނުވާ ކަމަށް ވެސް ޓްރައިބިއުނަލުގެ އެ ނިންމުމުގައި ބުނެފައިވެ އެވެ.ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރު ކަމުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އާގިސާ ވަކިކުރުމުން އޭނާ އުޅުއްވަމުން ގެންދަވަނީ އަމިއްލަ ތަނެއްގެ ވަޒީފާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ