އެމްޑީޕީގެ ވިސްނުމަކީ ރާއްޖެއާއި ރައްޔިތުން ތަރައްގީވުން - މުސްތަފާ

އެމްޑީޕީގެ ވިސްނުމަކީ ރާއްޖެއާއި ރައްޔިތުންގެ ތަރައްގީވުން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް އަދި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާރ ޑރ. މުސްތޮފާ ލުތުފީ ރޭ ވިދާޅުވެއްޖެއެވެ.
ޅ.ހިންނަވަރުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ރައީސް ނަޝީދަކީ އެންމެން ދަންނަ އޯގާތެރި ހިތްތިރި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ހިތްޕުޅުގައިވެސް ރައީސް ނަޝީދުގެ މައްޗަށް ވަރަށްބޮޑު އިހުތިރާމަކާއި ގަދަރެއް ދެވިފައިވާކަމަށެވެ.
ރާޢްޖޭގެ އެންމެ އުތުރުން ފެށިގެން މިދަތުރު ކުރިއަށް ގެންދަވާއިރު ހުރިހައި ދިމާލަކުންވެސް މިފެންނަނީ އެއްމަންޒަރެއް ކަމަށާއި އެންމެހައި ރައްޔިތުން އެތިބީ އެއްބުރުން ނުކުމެ އެމްޑީޕީއަށް މިއިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކަމުގައި ޔަގީންވެ ވަޑައިގެން އެކަމަށް އުފާފުޅު ކުރައްވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
ހިންނަވަރުގައި ހޭދަކުރެއްވި ދުވަސްވަރު އެރަށުގައި ޑޮކްޓަރަކު ނެތުމުން އެކަމާ އެރަށުގެ މީހަކާ ސުވާލު ކޮއްލުމުން އެކަން އެގޮތައް އެވަނީ ސަރުކާރުގައި އެހާފުދުން ތެރިކަން ނެތުމުން ކަމުގައި އެއިރު އެފަރާތުން ވިދާޅުވިކަމަށާ މިއީ އެއިރުގެ ސަރުކާރުން ރައްޔިތުންނަށް ވިސްނައިދީފައި އޮންނަގޮތް ކަމަށާއި ، މިގައުމުގެ ރައްޔިތުންނަށް މިއަދު މިލިބޭ މިންވަރަކީ ޙައްގު މިންވަރު ނޫންކަމުގައި ވިދާޅުވެ މިގައުމަކީ މުއްސަދި ގައުމެއް ކަމަށާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތަކުގެ އިތުރުން އެހެނިހެން އިނާޔަތްތައްދީ ހެދޭނެކަން އަންގައިދެއްވީ ރައީސް ނަޝީދުކަމަށް މުސްތަފާ ވިދާޅުވި އެވެ.
7 ފެބުރުއަރީއަކީ މިގައުމުގެ ރައްޔިތުންގެ ފޮނި އުންމީދުތައް މުޅީން ފުނޑުފުނޑު ކޮށްލި ދުވަހެއް ކަމަށާއި ދެން އެފަދަ "ބަޣާވާތެއް" ކުރުމަށް ދިވެހީން ފުރުސަތު ނުދޭނެ ކަމަށް ވެސް މުސްތަފާ ރޭ ވިދާޅުވި އެވެ.
އަދި އަލުން އަނބުރައި "ބާޣީން" ވެރިކަމަށް އަތުވެއްޖެނަމަ މުޅިރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް މުޅީން ވިއްސި ވިހާލިވެގެން ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ހިންނަވަރަށް ވަޑައިގަތުމުން އެރަށުގެ ވަރަށްގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް އުފާވެރި މަރުޙަބާއެއް ދަންނަވާފައެވެ.
ޑރ ލުތުފީގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މޫސާމަނިކު އާއި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އަހުމަދު ޢަބުދުﷲގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރ އިބުރާހީމް އަހުމަދު (މާލިމީ) ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ