މިސަރުކާރަކީ ގާނޫނު އަސާސީއާއި ގާނޫނުގެ މަތިން ހޮވިފައިވާ ސަރުކާރެއް - މައުމޫން

ރައީސް ޑރ.ވަހީދުގެ ސަރުކާރަކީ ގިނަ ޕާޓީތަކެއް އެކުލެވޭ އިއްތިހާދީ ސަރުކާރެއް ކަމަށާއި މިސަރުކާރަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގެ މަތިން ހޮވިފައިވާ ގާނޫނީ ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި މިފަހުން އުފެދުނު އެންމެ ކާމިޔާބު އެއް ކުލަބްކަމަށްވާ، ވީބީ އައްޑޫ އެފްސީގެ މެނޭޖަރ އިބްރާހިމް ރަޝީދު (ސަތޯ) ވެރިކަން ހިންގާ އިއްތިހާދުގެ ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ސޮއިކުރުމަށް މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ދަތި ގޮންޖެހުންތަކަކާއި މިސަރުކާރުން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
އެ ގޮންޖެހުންތަކާއި ސަރުކާރުން ކުރިމަތިލި ނަމަވެސް ސަރުކާރުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕީޕީއެމް ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ބުނެ ފެތުރިފައިވާ ޙަބަރާއި ގުޅިގެން މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމަކީ ތޮބީއީ ކަމެއް ކަމަށާއި އެއީ ވަރަށް މުއްސަނދިވެސް ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ އަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް، އެހެންވީމަ ހިޔާލު ތަފާތުވުން އެއީ މައްސަލައެއް ނޫން، މި ޕާޓީ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ހުންނާނެ، އެހެން ޕާޓީތަކުގައި ވެސް ހުންނާނެ، އަޅުގަނޑު އެދެނީ މި އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ މެދުގައި ވަރަށް ވަރުގަދަ އެކުވެރިކަމަކާއި އެއްބާރުލުމެއް އޮންނަން،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޑީއާރުޕީ އާއި ޕީޕީއެމް ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާތީ އެކަމާއި ގުޅިގެން މައުމޫން ވިދާޅުވީ ޑީއާރުޕީން ޕީޕީއެމަށް ފާޑުކިޔުމަކީ ޑީއާރުޕީގެ އަމިއްލަ ހިޔާލު ކަމަށާޢި އެކަމަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއް ސަރުކާރެއްގެ ތެރޭގައި ހިމެނޭ ބައެއް، މިއަދު މިސަރުކާރު ދެމިއޮތުމަކީ ގައުމަށްޓަކައި ވަރަށް މުހިއްމު ކަމެއް، އަޅުގަނޑުމެން އެހެން ހުރިހާ ކަމެއް ގުރުބާންކުރުމަށްފަހު އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވަމާތޯއޭ، އަޅުގަނޑުމެން ނެތިން ރައްދުދޭން" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީބީ އައްޑޫ އެފްސީގެ މެނޭޖަރ އިބްރާހިމް ރަޝީދު (ސަތޯ) ވިދާޅުވީ އެންމެ ޒުވާނުން ގިނަ ޕާޓީއަށް ޕީޕީއެމް ހެދުމަކީ އަޒުމެއް ކަމަށާއި ޕާޓީ ކުރިއެރުވުމަށްޓަކައި ހުރިހާ ރޮގަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސަތޯ ވިދާޅުވީ ޕާޓީއެއްގައި އެންމެ އައްޑޫ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމްއަށްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަތޯއަކީ ކުރިން ޑީއާރުޕީގައި މަސައްކަތްކުރެއްވުމަށްފަހު ގައުމީ ޕާޓީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ