އެއްވެސް މީހަކަށް އަޅުގަނޑުގެ ސަރުކާރުން އަނިޔާތަކެއް ދީފައެއް ނޯންނާނެ: މައުމޫން

ކުރީގެ ސަރުކާރުން އެއްވެސް މީހަކަށް އަނިޔާތަކެއް ދީ، ބޭ އިންސާފުން އަމަލެއް ކޮށްފައި ނޯންނާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެ ރޭ ވީޓީވީން ގެނެސްދޭ "ދި ޕޮލިޓިކްސް" ޝޯގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ކަމެއް ހިނގާފައިވާ ނަމަ އެކަމަކާ މެދު އަމަލުކޮށްފައިވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
"ރީކޯ މޫސާ މަނިކަށް (ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު) ނޫން، އަދި އެހެން މީހަކަށް ވެސް އަޅުގަނޑުގެ ސަރުކާރުން އަނިޔާތަކެއް ދީފައެއް ނޯންނާނެ. އެއްވެސް މައްސަލައެއް ދިމާވެއްޖިއްޔާ އޮންނާނީ ރަނގަޅަށް ތަހުގީގުކޮށްފައި ބަލާފައި. އޭގައި ދެން މީހެއްގެ ކުށެއް އޮވެއްޖިއްޔާ އަޅުގަނޑު ކުރާނެކަމެއް ނެތް. ޝަރީއަތަށް ހުށަހެޅިގެން ކުށް ސާބިތުވެ އަދަބު ލިބުމަކީ ދެން އަޅުގަނޑަށް އެކަމާ ދޭތެރޭ ކަމެއްކުރެވޭނެ ކަމެއް ނޫން. އެ މީހަކު ކުރި ކުށެއް ސާބިތުވެއްޖިއްޔާ އެކަމަށް ހައްގު އަދަބު ލިބޭނެ. އެ ގޮތަށް ހުންނާނީ. އެއްވެސް މީހަކަށް އަނިޔާއެއްކޮށްފައެއް ނުހުންނާނެ. އެއްވެސް މީހަކަށް ބޭ އިންސާފުން އަޅުގަނޑު ނޯންނާނެ އަމަލެއް ކޮށްފައެއް،" ރައީސް މައުމޫނުގެ ސަރުކާރުގައި ރީކޯ މޫސަ އަށް އަނިޔާތަކެއް ކޮށްފައިވާނެތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވި އެވެ.
އެއް ގަޑިއިރުގެ މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ ސަރުކާރާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމަށް ކަމަށާއި އެ މަނިކުފާނާ ބެހޭ ގޮތުން ތަފާތު ގޯސް ވާހަކަތައް ވެސް ދައްކަމުން ދަނީ އެހެންވެ ކަމަށެވެ.
ރައީސް މައުމޫނުގެ މި އިންޓަވިއުގައި އެ މަނިކުފާނު ވަނީ ކުރީގެ ސަރުކާރުން ވެފައިވާ ހިޔާނާތްތައް ކަމަށް ބުނާ ކަންތައްތައް ބެލުމަށް ރީކޯ މޫސަ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާ ބެހޭ ގޮތުންނާއި އެ ގަރާރާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނު މި ހަފުތާގައި ފޮނުއްވި ސިޓީފުޅުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެފަދަ ގަރާރެއް ހުށަހެޅުމަކީ، ރައީސް ނަޝީދު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ގައި ދެ ބޭފުޅުން އެކުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ މުޅިން ހިލާފު ކަމެކެވެ.
"އެކަން އެހެންވެފައި އޮއްވާ އެހެން މައްސަލަތައް ނުކުންނަން ފެށީ. އެއީ ކަނޑައެޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ބަޔަކު ކުރާ ކަމެއް. އަދި އެމްޑީޕީގެ ބަޔަކު ނަމަވެސް އެހެން ބަޔަކު ނަމަވެސް އެހާ ރީތިކޮށް، އެހާ ސާފުކޮށް، އެހާ ސަރީހަކޮށް އެހާ ވަރުގަދަ އަށް ހުރިހާ ޓީވީތަކާއި ހުރިހާ ރޭޑިޔޯތަކުގެ ކުރިމަތީގައި މުޅި ދިވެހި ރައްޔިތުންނަށް ދެއްވި މެސެޖެއް އެއީ. އެއާ މުޅިން ހިލާފުވާ ގޮތަކަށް ކަންތައް މިހާރު މި އުޅެނީ،" ރައީސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މި އުޅެނީ ބިރަކުން ނޫން. އަޅުގަނޑު ބިރު ގަންނާކަށްނުޖެހޭ. ބިރު ގަންނާނީ މީހަކު ގަވާއިދާ ހިލާފަށް ކަންތައްތައް ކޮށްފައި އޮތިއްޔާ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ނޯންނާނެ ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައެއް. ނާޖާއިޒު ފައިދާއެއް ވެފައެއް ނޯންނާނެ. ދައުލަތަށް ހިޔާނާތްތެރިވެފައެއް ނޯންނާނެ. އެހެންވީމަ ކިތަންމެ ވަރަކަށް ބެއްލެވިޔަސް އަޅުގަނޑުގެ މައްސަލައެއް ފެނިވަޑައެއް ނުގަންނަވާނެ. އެހެންވީމަ އަޅުގަނޑު މިހިރީ ވަރަށް ސާބިތުކަމާ އެކީގައި. ބިރެއް ނުގަނޭ. އެއްވެސް ކަހަލަ ޖެހިލުމެއް ނުވޭ."
ރައީސް މައުމޫނުގެ އިންޓަވިއުގައި އެ މަނިކުފާނު ވަނީ މިހާރުގެ ސަރުކާރުން ކުރާ ބައެއް ކަންތައްތަކަށް ވެސް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްކުރައްވަމުން ގެންދަވަނީ އެންމެންގެ ކުރިމަތީގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެ ގޮތުން ލާމަރުކަޒީ އުސޫލުން ކަންތައްތައް ކުރަމުންދަނީ ގާނޫނެއް ނެތި ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ތަފާތު ވިސްނުންތަކަށް ދައުލަތުގެ މީޑިއާ އިން ޖާގަ ނުލިބޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައީސް މައުމޫނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ގާސިމް އިބްރާހީމަށް އާންމު އިންތިހާބުގައި ތާއީދުކުރަން ޑީއާރުޕީން ނިންމީ ކީއްވެތޯ ދެންނެވުމުން، ރައީސް މައުމޫން ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެ މަނިކުފާނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށާއި ގާސިމްގެ އެދިވަޑައިގަތުމަށް އެ ފުރުސަތު ދެއްވީ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ތޮބީއީ ކަމެއްހެން. މިއީ ކަން ކުރިއްސުރެ ވާން ވީ ގޮތް. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެހެން ދިމާނުވިޔަސް ކުރީގެ ހުރިހާ އިންތިހާބުތަކެއްގައި ގާސިމް އިބްރާހީމްވަނީ އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައި. އަޅުގަނޑުގެ ކެމްޕޭން ކާމިޔާބުކުރުމުގައި އޭނަ ވަރަށް ބޮޑު ރޯލެއް ކުޅުއްވާ ދެއްވި. ފަހުގެ ރިޔާސީ އިންތިހާބުތަކުގައި އެ މަނިކުފާނު ވެސް ކުރިމަތިލެއްވީމަ ދެން ނޯންނާނެ ދެއްތޯ އެކަން ވާކަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ މި އިންޓަވިއުގައި އެ މަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު ދައުލަތުގެ ހަޒާނާގައި 254 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެ، ހަޒާނާ ހުސްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވި އެވެ. އަދި ފާއިތުވި 30 އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ.
"ހަޒާނާގައި ފައިސާ ހުންނާނެ. މި މީހުންނަށް މެނޭޖްކުރަން ނޭނގެނީ. މިސް މެނޭޖްމަންޓް ހުރިހާ ވެސް ކަމަކީ. ހަރަދުތައް ކުރަން ބޭނުންވާ ކަންތައްތައް ބަހައްޓާފައި ހަރަދުކުރަންނުޖެހޭ ބޭކާރު ހަރަދުތައް ކުރަނީ. އެއްވެސް ޕްލޭނެއް ނެތް. އެންމެ ފަހުން ބަޖެޓް ހެދިއިރު ވެސް ހެދީ ތިން މަސް ދުވަހުގެ ބަޖެޓެކޭ. ކޮން އިރަކުތޯ އަޅުގަނޑު ތިން މަސް ދުވަހުގެ ބަޖެޓެއް ހެދީ. އެންމެ ފުރަތަމަ އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު ވެސް އެއް އަހަރު ދުވަހުގެ ބަޖެޓެއް ހުށަހެޅީމޭ. އޭރު އަދި މާ ދައްޗޭ ރާއްޖޭގެ ހާލަތު. އަޅުގަނޑު ހަވާލުވީ 1978 ގައި. އެކަމަކު 1979 ގައި ހުށަހެޅީ ފުރިހަމަ ބަޖެޓެއް. ކީއްވެތޯ މި ބޭފުޅުންނަށް އެހެން ނުހެއްދެވުނީ. މި ބޭފުޅުންނަށް މެނޭޖްނުކުރެއްވެނީ. ވަރަށް ދެރަ އަޅުގަނޑު މިހެން ދަންނަވަން ވެސް. އެކަމަކު އެއީ ހަގީގަތަކީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ