106 މިލިއަން ރުފިޔާގެ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ގަތުމަށް އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފި

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އުދުހުންތަކުގައި މިހާރު ބޭނުންކުރާ ވައްތަރުގެ ޑޭޝް އަށެއް މަރުކާގެ އާ ބޯޓެއް ގަތުމަށް ކެނެޑާގެ ބޮމްބާޑިޔާ އިންކޯޕަރޭޝަނާ އެކު މިއަދު ސޮއިކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، 106 މިލިއަން ރުފިޔާގެ ބޯޓު ގަތުމަށް އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމެވެ. ޑޭޝް އަށެއްގެ 700 އަށްވުރެ ގިނަ ބޯޓު އުފައްދައި ވިއްކާފައިވާ ބޮމްބާޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެކައުންޓް އެގްޒެކެޓިވް ކޮންޓްރެކްޓްސް ސްޓެފަނީ ލީ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި 37 މީހުންގެ ޖާގައިގެ ބޯޓު ގަތުމަށް އެ ކުންފުނިން ދައްކާ ފައިސާގެ އެއް ބަޔަކީ ކުންފުނީގެ އަމިއްލަ ފައިސާ އެވެ. އަނެއްބައި ހޯދާފައި ވަނީ ބޭންކު ލޯނުގެ ގޮތުގަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބަންދު ސަލީމް ވިދާޅުވީ އެ ކުންފުނީގެ މަތިންދާބޯޓުފަހަރުގެ އަދަދު ބިޒްނަސް ޕްލޭނާ އެއްގޮތަށް ކުރިއަތް އޮތް ތަނުގައި ވެސް އިތުރުކުރަމުންދާނެ ކަމަށެވެ.
މިހާރު ވެސް ތިން ބޯޓު ގެންގުޅޭ އައިލެންޑް އޭވިއޭޝަނަށް އަލަށް ގަތް ބޯޓަކީ އެމެރިކާގައި ކުރިން ދުއްވާފައިވާ، 2000 ވަނަ އަހަރު އުފެއްދި ބޯޓެކެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، މި ބޯޓު މާލެ އަންނާނީ މި އަހަރުގެ އޯކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބޯޓަކީ ފިނިމޫސުމުގައި ދުއްވުމަށް ހަދާފައިވާ ބޯޓަކަށް ވާތީ ބޯޓު ގެނައުމުގެ ކުރިން ރާއްޖޭގެ މޫސުމަށް ބަދަލުކޮށް އިންޖީނު އޯވަހޯލްކޮށް އަދި އެކްސްޕޯޓް ސެޓިފިކެޓް ހޯދައި ރާއްޖޭގެ ސިވިލް އޭވިއޭޝަނާ ބެހޭ ގަވާއިދު ތަކަށް ވެސް ފައްތަން ޖެހެ އެވެ.
އަލަށް ގެންނަ ބޯޓު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދީ އެއާޕޯޓު ތަކަކަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާއިރު، އެ ބޯޓު ގެނައުމުން އައިލެންޑު އޭވިއޭޝަންގެ ފަސިންޖަރުން އުފުލުމުގެ ކެޕޭސިޓީ 69 އިން 106 އަށް އިތުރުވެގެން ދާނެ އެވެ.
އައިލެންޑު އޭވިއޭޝަންގެ ނަމަށް ބޭރުގެ ދަވާދު ބަދަލުކޮށްގެން އެ ކުންފުނިން މިހާރު ބޭނުންކުރާ ތިން ބޯޓުގެ ތެރޭގައި ހިމެނެނީ ބަނގުރޫޓުވެފައިވާ އެއާ މޯލްޑިވްސް އިން ކުއްޔަށް ހިފައިގެން ބޭނުންކުރާ ޑޭޝް އަށެއްގެ ބޯޓާއި، 2003 ވަނަ އަހަރުގެ ފަހުކޮޅު 19.27 މިލިއަން ރުފިޔާ ދީފައި ގަތް ޑޯނިޔާ ބޯޓަކާއި މިދޔަ އަހަރުގެ ޖުލައި މަހު ބެނުންކުރަން ފެށި 59 މިލިއަން ރުފިޔާގެ ޑޯނިޔާ ބޯޓެކެވެ. ދެހާސް ވަނަ އަހަރު ސަރުކާރުން އުފެއްދި ކުންފުނިން ބޯޓު ފަހަރު ގަތުމަށް 184.27 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ