ދަތުރުފަތުރުގެ ވިއުގަ ހިންގާ ފަރާތްތަކަށް ގެސްޓު ހައުސް ހަދަން ރަށްރަށުން ބިން ކުއްޔަށް ދޫކުރަން ނިންމައިފި

ދަތުރުފަތުރުގެ ވިއުގަ (ޓްރާންސްޕޯޓު ނެޓްވޯކް) ހިންގާ ފަރާތްތަކަށް ގެސްޓު ހައުސް ހަދަން ރަށްރަށުން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގުޅާލާއިރު އެ މަސައްކަތާ ހަވާލުވާ ބަޔަކަށް ރަށްރަށުގައި ހަދާ ޓާމިނަލް ކައިރިން ގެސްޓު ހައުސްއެއް ނުވަތަ އެފަދަ ވިޔަފާރިއެއް ހިންގަން ބިން ކުއްޔަށް ދޫކުރާނެ ކަމަށެވެ.
ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން އެއިން ކޮންމެ ސަރަހައްދެއްގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި އެ މަސައްކަތާ ހަވާލުވާނެ ބަޔަކު ހޯދުމަށް ބީލަމަށްލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކަށް ގެސްޓު ހައުސްއެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ސިނާއީ މަސައްކަތެއް ކުރުމަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ހުއްދަ ދީފި ނަމަ، 50 އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބިން ދޫކުރާނީ ޓެންޑާކޮށްގެން އެ ނެޓްވޯކް ހިންގާފަރާތްތަކަށް. އެހެން ނަމަވެސް ބިން ދޫކުރާނެ ވަރާއި އެ ސަރަހައްދެއް ކަނޑައަޅާނީ އެ ރަށެއްގެ ރައްޔިތުންގެ މަޝްވަރާގެ މަތިން،" ނަޝީދު ވިދާޅުވި އެވެ.
އެ ނިއުސް ކޮންފަރެންސްގައި އިތުރަށް ރައީސް ވިދާޅުވީ އެއް ފަރާތްތަކަށް އެއް ބިމަށްވުރެ ގިނައިން ބިން ދޫކުރާނީ ބިޑް ހުށަހަޅާ މީހުންގެ ނިސްބަތަށް ބަލައި، އެ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ
ހައުސިން، ޓްރާންސްޕޯޓް އަދި އެންވަޔަރަންމަންޓް މިނިސްޓަރު މުހައްމަދު އަސްލަމް އެ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުން އެ ފަރާތްތަކަށް ބިން ދޫކުރި ނަމަވެސް އެ ރަށަކަށް އުޅަނދެއް މަޑުކުރަންވީ އަދަދާއި ޓިކެޓްގެ އަގާއި ސަރުކާރުން ވަކި މިންވަރެއްގައި ބަހައްޓަން ބޭނުންވާ ކަންތައް ސަރުކާރުން ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރިއަށް ދޫކުރާ އެ ބިންތަކުގެ ސަބަބުން އިތުރު ވަޒީފާތައް ކޮންމެ ރަށެއްގައި ވެސް އުފެދިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ