ހިތުގެ ބަލިތައް ކަންބޮޑުވާ މިންވަރަށް ގިނަ އައްޑޫގައި ފަރުވާދެވޭނެ ގޮތެއް ނެތުމުން މިނިސްޓަރާ ސުވާލުކުރަން އެދިއްޖެ

އައްޑޫ ސިޓީގައި ކަންބޮޑުވާ މިންވަރަށް ހިތުގެ ބަލިތައް ގިނަވަމުން އަންނައިރު، އެ ސިޓީގައި ފަރުވާ ދެވޭނެ ގޮތެއް ނެތުމުން، އެ ކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރަން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދު ހުށަހަޅުއްވައިފިއެވެ. އައްޑޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގައި ގާއިމްކުރެވިފައިވާ ކެތު ލެބެއް ގާއިމްކޮށްފައިވީ ނަމަވެސް އަދިވެސް އެ ތަނުން ޚިދުމަތް ދޭން ނުފަށާ ކަމަށެވެ. އެހެންވެ އެ ކަން ނުފެށި ލަސްވާ ސަބަބު އޮޅުން ފިލުވަން ހެލްތު މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅީ ކަމަށް ވިދާޅުވިއެވެ. އަޒާން ވިދާޅުވީ ފާއިތުވި ތިން އަހަރު ވެސް ހާޓް އެޓޭކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވި ގިނަ ބަޔަކަށް އައްޑޫއިން ދެވުނު ފަރުވާއެއް ނެތް ކަމަށެވެ. އެހެންވެ އިތުރު ފަރުވާއަށް މާލެއަށް ގެންދަން މަޖުބޫރުވާ ކަމަށާއި، ހާޓް އެޓޭކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ މުހިއްމު ކަމެއް ކަމަށް އަޒާން ވިދާޅުވިިއެވެ. އައްޑޫ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެެވެ. އެ ސިޓީގައި އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި މައްސަަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ފެނަކައިން ފޯރުކޮށްދޭ ކަރަންޓު ވިއުގައަށް އެތައް މައްސަލައެއް ދިމާވެ، އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުން އަންނައިރު، އެ ކަމަށް ދާއިމީ ހައްލެއް އަދި ނުހޯދެއެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ