ރިޔާސީ އިންތިހާބު 2008: އަންނިއާ ދެކޮޅު އާ ވީޑިއޯއެއް މިރޭ އާންމުކުރާނެ ކަމަށް ޑީއާރުޕީގެ އައްޑޫ ދާއިރާ އިން ބުނެފި

އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) އާ ދެކޮޅު އާ ވީޑިއޯއެއް މިރޭގެ ވަގުތެއްގައި އާންމުކުރާނެ ކަމަށް ޑީއާރުޕީގެ އައްޑޫ ގޮފިން މިއަދު ބުނެފި އެވެ.
މި ވީޑިއޯ އާ ބެހޭ އެއްވެސް ތަފުސީލެއް ނުދިން ނަމަވެސް، ޑީއަރުޕީގެ އައްޑޫ ގޮފިން މިއަދު ބުނީ އެ ވީޑިއޯ އާންމުކުރާނީ އައްޑޫގައި ކަމަށެވެ.
އައްޑޫ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ އައްޑޫ ގޮފީގެ މެމްބަރު އަހުމަދު ޝާނީޒް ވިދާޅުވީ، އަންނި އަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އޭނާ އަކީ އެފަދަ ގާބިލު ކަމެއް ހުރި ބޭފުޅެއް ވެސް ނޫން ކަމަށެވެ.
ޝާނީޒު ވިދާޅުވީ އަންނި ދައްކަވަމުން ގެންދަވާ ވާހަކަތަކުންނާއި އޭނާ ހާމަކުރައްވަމުން ގެންދަވާ ސިޔާސަތުތަކުގެ ސަބަބުން އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް މިހާރު ހާމަވަމުން ދާ ކަމަށެވެ. އަދި ތައުލީމީ ގޮތުން ބެލިއަސް އަންނި އަކީ މައުމޫނާ އެއްވެސް ގޮތަކުން އަޅާ ކިޔޭނެ ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަންނި އަކީ މައުމޫނާ އެއްވެސް ގޮތަކުން އަޅާ ކިޔޭނެ ބޭފުޅެއް ނޫން. ތައުލީމީ ގޮތުން ބެލިއަސް އޭނާ އެ އުޅުއްވަނީ ވަރަށް ފަހަތުގައި،" ޑީއާރްޕީގެ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވައި، ސިވިސް ސާވިސް ކޮމިޝަނުން ފިޔަވަޅު ވެސް އަޅައިގެން ވަޒީފާ އިން އިސްތިއުފާ ދެއްވަން ހުށަހަޅައިފައިވާ ޝާނީޒު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަންނި ކިތަންމެ ގިނަ ސަނަދުތަކެއް ހޯއްދަވައިފައި ހުރި ނަމަވެސް އޭނާ އަށް ދީނުގައި ވާ އެއްވެސް ކަމެއް އަމަލުން ދައްކަވަން އެނގިވަޑައިގަންނަވާނެ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވެގެން އުޅެނީ ގިނަ ސަނަދުތަކެއް ހޯދައިގެން ހުރި މީހެއް ނޫން. އަމަލުން ކަންކަން ކުރަން އެނގޭ ފަދަ ގާބިލް މީހެއް،" ޝާނީޒު ވިދާޅުވި އެވެ.
ޑީއާރްޕީ އައްޑޫ ދާއިރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނެ ގޮތާ ބެހޭ ގޮތުން އަންނި ދައްކަވައިފައިވާ ވާހަކަތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ޑީއާރްޕީން ބުނީ އަދާލަތު ޕާޓީ ފަދަ ޕާޓީއަކުން އެފަދަ ވާހަކަތަކެއް ދައްކާ މީހަކަށް ތާއީދުކުރާ ކަމީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެބޭފުޅުންގެ ދީނީ ތައުލީމީ ފެންވަރާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ޑީއާރުޕީން ބުންޏެވެ.
މައުމޫން އައްޑޫ ކެމްޕޭން މެނޭޖަރު ހުސެން ސޯލިހު ވިދާޅުވީ އިންތިހާބު މައުމޫން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެކަން ޔަގީންވާތީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާޒީ އަށް ބަލާއިރު ވެސް އެމްޑީޕީ އަކީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި އަމަންކަން ނަގާލަން މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ވަރަށް ސާފު ހެކިތައް ފެންނަން އެބަހުރި ކަމަށް ވެސް ޑީއާރްޕީން ބުންޏެވެ.
އަދި ބުނީ އެމްޑީޕީ އިއްތިހާދުން ހަދާ ގޮތަށް ހިތަށް އެރި ގޮތަކަށް އިންތިހާބުގެ ނަތީޖާގެ ޕަސެންޓް ކިޔާކަށް ބޭނުމެއް ނޫން ކަމަށް ވެސް ޑީއާރްޕީން ބުންޏެވެ. އަދި އެއީ އެމީހުން ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށް ވެސް ޑީއާރްޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ