ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ ވަރަށް އޮމާންކަމާ އެކު، އެއްވެސް މައްސަލަތަކެއް ނުނިކުމެ ކުރިއަށް ދާނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އިންތިހާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަން އަށް ލިބުނު މުއްދަތު ކުރުވި ނަމަވެސް އެކޮމިޝަނުން އާންމުންނަށް ހާމަކުރަމުން ދިޔަ ވާހަކަތަކުން އާންމުން، މިއިންތިހާބު ވަރަށް މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ވެސް ގަބޫލު ކުރި އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މަލްޓީ ޕާޓީ އިލެކްޝަންގެ މަސްއޫލިއްޔަތު ކުރިއަށް ގެންދެވީ މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނަކުން ކަމަށް ވުމެވެ. އެހެންނަމަވެސް އިންތިހާބު ނިމިގެން ދިޔަ އިރު އާންމުންނަށް އެ މިނިވަންކަން ވަޒަން ކުރެވުނީ ކިހާ ވަރަކަށް ކަމާ މެދު ސުވާލުތަކެއް އުފެދިފައިވެ އެވެ.
ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ވަރަށް ގިނަ ގޮތް ގޮތުން ފާގަހަކޮށްލަން ޖެހެ އެވެ. މާޒީގައި ބާއްވައިފައި ހުރި އިންތިހާބުތަކުގައި އާންމުންގެ މެދުގައި ވޯޓްލުމަށް ހުރި ރޫހާއި މިފަހަރު އާންމުންގެ މެދުގައި އޮތް ރޫހާ މެދު ބޮޑު ފަރަގެއް އޮތްކަން ފާހަގަކޮށްލެވެ އެވެ. މާލެ ނަގައިފައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑު އަތޮޅުގައި ބުދަ ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓްލުން ފެށުނު އިރު، ވޯޓްލާން ހަމަޖައްސައިފައި އޮތް ގަޑިއަށް ވުރެ އެއް ގަޑި އިރު ކުރިން މި އަތޮޅުގެ ބައެއް ރަށްރަށުގައި ވޯޓްލުމަށްޓަކައި ކިޔު ވެސް ހަދައިފައިވެ އެވެ.
"ހަގީގަތުގައި ވެސް މިއިންތިހާބަށް އަޅުގަނޑުމެން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އެހެންނަމަވެސް ދިމާވި ބައެއް ކަހަލަ މައްސަލަތަކާ ހެދި އިންތިހާބާ ދޭތެރޭ އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ. އެއް ގޮތުން ބަލާ އިރު އުންމީދު ކުރި ގޮތަކަށް ވެސް ނޫން އިންތިހާބުގެ ކަންތައްތައް ކުރިއަށް ދިޔައީ،" މިއަތޮޅު ހުޅުދޫން ވާހަކަ ދެއްކި އަހުމަދު ބުންޏެވެ. "އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަރަށް ޔަގީންކަމާ އެކު ބުނަމުން ދިޔަ އިނގިލީގައި ޖަހާ ނިޝާން ވެސް މިފަހަރު ނުފޮހެވޭނެ ކަމަށް. އެކަމަކު އެކަން އެގޮތަކަށް ވެސް ނޫން ދިޔައީ. މީގެއިތުރުން ރެޖިސްޓްރޭޝަން ލިސްޓްގައި ވެސް ގިނަ މައްސަލަތަކެއް އެބަހުރި."
އިންތިހާބުގެ ވޯޓްލުން ކުރިއަށް ދިޔަ އިރު މިއަތޮޅުގައި ޖުމްލަ 16 ވޯޓް ފޮށި ބަހައްޓައިފައިވެ އެވެ. މީގެތެރެއިން ބައެއް ފޮށިތަކުގެ ވޯޓްލުން ވަރަށް އޮމާންކޮށް ކުރިއަށް ދިޔަ އިރު ދެ ތިން ވޯޓް ފޮއްޓެއްގައި މައްސަލަތަކެއް ވެސް ޖެހިފައިވެ އެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެވުނީ މަރަދޫގައި ބެހެއްޓި ދެ ވޯޓް ފޮށީގެ ތެރެއިން މަރަދޫ ސްކޫލުގައި ބަހައްޓައިފައިވާ ވޯޓް ފޮއްޓަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާން ކިޔޫގައި ތިއްބައި ވޯޓް ކަރުދާސް ހުސްވުމުގެ މައްސަލަ އެވެ. މީގެ އިތުރުން ބައެއް މީހުން ނަންތައް ރެޖިސްޓްރޭޝަން ލިސްޓްގައި ނެތުމުގެ މައްސަލައަކީ ވެސް ކުރިމަތި މައްސަލައެކެވެ. މިކަމާ ގުޅިގެން އެ ސަރަހައްދަށް ވޯޓްލާން ގޮސް ތިބި ގިނަ މީހުން ނުރުހުންފާޅުކޮށް، އަޑުގަދަކޮށްފައިވެ އެވެ. އަދި މިފަދަ ގޮތްގޮތަށް ކަންތައްތައް ދިމާވަނީ ވޯޓް އޮޅުވާލައި މަކަރު ހަދަން ބޭނުންވާތީ ކަމަށް ގޮވައިފައިވެ އެވެ. އަދި ވޯޓްލީ ބައެއް މީހުންގެ އަތުގައި ޖެހި އިނގިލީގެ ނިޝާން ފޮހެވިފައިވާތީ ވެސް ބައެއް މީހުން ބުނަމުން ދިޔައީ މާކަރު ގަނެގެން ގެނެސްފައި ވަނީ އެ ރަށުގެ ފިހާރައަކުން ކަމަށެވެ. އެހެންނަމަވެސް ވޯޓް ފޮށީގައި މަސައްކަތް ކުރަމުން ދިޔަ މަންދޫބުން އެކަން ދޮގުކުރަމުން ދިޔަ އެވެ.
"އެއީ މުޅިން ދޮގު ވާހަކަތަކެއް. އަޅުގަނޑުމެން މިތަނުގައި ބޭނުން ކުރާ ހުރިހާ އެއްޗަކީ ވެސް ސީދާ އިލެކްޝަންސް ކޮމިޝަނުން ފޮނުވައި ހުރި އެއްޗެއްހި. އެއްވެސް އެއްޗެއް އަޅުގަނޑުމެން އަމިއްލަ އަށް ގެނެސްގެން ބޭނުމެއް ނުކުރަން،" މަންދޫބަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭނުންވީ ވަރަށް އޮމާންކަމާ އެކު ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދަން ކަމަށާއި އެހެންނަމަވެސް ދިމާވި ކުދިކުދި ކަންތައްތަކާ ހެދި އެކަން އެގޮތަށް ނުދިޔަ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވޯޓް ފޮއްޓަށް ގެނެސްފައި ހުރި ވޯޓް ކަރުދާސް ކިޔޫ އޮއްވައި ހުސްވީ، ރަށުގައި ބެހެއްޓި ދެ ފޮއްޓަށް ކަރުދާސް ގެނައުމުގައި އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ. މިމައްސަލަ ދިމާވުމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހިގެން އަޑުގަދަކޮށް ނުރުހުންފާޅު ކުރުމާ ގުޅިގެން ކޮމަންވެލްތުގެ ޓީމުގެ ބޭފުޅުންތަކެއް ވަޑައިގެން އާންމުންނާ ވާހަކަ ދައްކައި މައްސަލަ ހައްލުކޮށް ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ވެސް ކޮށްފައިވެ އެވެ.
މީގެއިތުރުން މިއަތޮޅު ހުޅުދޫގައި ބަހައްޓައިފައިވާ ވޯޓް ފޮއްޓާއި ހަނދުފުށި ރިސޯޓްގައި ބަހައްޓައިފައިވާ ވޯޓް ފޮއްޓަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވައިފައިވާ ކަމަށް އެ ދެ ތަނުގައި ހަރަކާތްތެރިވި ބައެއް މީހުން ބުނެފައިވެ އެވެ. އެގޮތުން ހުޅުދޫ ސްކޫލުގައި ބަހައްޓައިފައިވާ ވޯޓް ފޮއްޓަށް ވޯޓްލާން ދިޔަ ދުވަސްވީ ބައެއް މީހުންނަށް ޑީއާރްޕީގެ ބަޔަކު ފައިސާ ދެމުން ދިޔަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ. އަދި އެތަނަށް ވޯޓްލާން ދިޔަ ދުވަސްވީ މީހުން ގޮވައިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެރަށުގެ އަންހެނަކު ވަންނަ ކަމަށް ބުނެ ބަޔަކު އަޑުގަދަކޮށް ވޯޓް ފޮށި ބަހައްޓައިފައި ހުރި ސަރަހައްދަށް ވެސް އެއްވެ ނުރުހުންފާޅުކޮށްފައިވެ އެވެ. އެހެންނަމަވެސް ފުލުހުން މިކަން ހުއްޓުވައިފައިވެ އެވެ.
ހަނދުށި ރިސޯޓުގެ ވޯޓް ފޮއްޓާ ހަވާލުވެ ހުންނެވި ބޭފުޅަކު ވިދާޅުވީ އެރިސޯޓުގެ މެނޭޖްމަންޓުން ވަކި ބޭފުޅަކަށް ވޯޓްލާން ބައެއް މުވައްޒަފުން ނުފޫޒު ފޯރުވަމުން ދިޔަ ކަމަށާއި އެކަމާ ގުޅިގެން ވޯޓް ލުން ތިން ފަހަރަށް މެދު ވެސް ކަނޑާލަން ޖެހުނު ކަމަށެވެ.
އެހެންނަމަވެސް ޖުމްލަކޮށް ބަލާ އިރު އައްޑޫގައި ވޯޓްލުމުގެ ކަންތައް ދިޔައީ ވަރަށް އޮމާންކޮށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ވޯޓްލުމުގެ ރޫރު އާންމުންގެ މެދުގައި މިފަހަރު އާދަޔާހިލާފަށް އޮތުން ކަމަށް ގަބޫލު ކުރެވެ އެވެ.
ގިނަ ބަޔަކު ވޯޓްލުމުގެ ރޫހުގައި ދިގު ކިއުތަކެއް ހަދައިގެން ވޯޓްލުމުގެ ސަބަބުން، ހީކުރި ވަރަށް ވުރެ ވެސް އަވަހަށް މިއަތޮޅުގެ ވޯޓް ފޮށިތައް ބަންދުކޮށްފައިވެ އެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ 8.00- 8.45 ދެމެދު ހުރިހާ ރަށެއްގެ ވޯޓް ފޮށިތައް ބަންދުކޮށްފައިވެ އެވެ.
"އަޅުގަނޑުމެން ވެސް ހިތްހަމަޖެހޭ މިފަހަރުގެ އިންތިހާބު ކުރިއަށް ދިޔަ ގޮތާ ދޭތެރޭ. ޖުމްލަކޮށް ބަލާ އިރު މާބޮޑެތި މައްސަލަތަކެއް ހުރި ކަމެއް ފާހަގަ ނުކުރެވޭ،" މިއަތޮޅުގައި ހަރަކާތްތެރިވި ކޮމަންވެލްތުގެ އޮފިޝަލަކު ވިދާޅުވި އެވެ. "އެހެންވެ ދެން އަޅުގަނޑުމެން ބަލަން ބޭނުން ވަނީ އިންތިހާބަށް ފަހު އާންމުންގެ ހިޔާލު ހުރީ ކޮން ގޮތަކަށްތޯ ބެލުން."
ރިޔާސީ އިންތިހާބު 2008: އިންތިހާބާ މެދު އާންމުންގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެއްދި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ