ރިޔާސީ އިންތިހާބު 2008: ރާއްޖޭގައި ނަސޯރާދީން ފެތުރުމަށް ފީބާ ރޭޑިއޯ އިން ކުރަމުން ދިޔަ މަސައްކަތް ހުއްޓުނީ އަޅުގަނޑު އިސްވެ ކުރި މަސައްކ

ރާއްޖޭގައި ނަސޯރާދީން ފެތުރުމަށްޓަކައި ސީޝެލްސްގެ ފީބާ ރޭޑިޔޯއިން ދިވެހި ބަހުން ފޮނުވަމުން ގެންދިޔަ ޕްރޮގްރާމް ހުއްޓުނީ ދިވެހި ސަރުކާރުން ނުވަތަ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
މައުމޫނަށް ކެމްޕެއިން ކުރުމަށްޓަކައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން އިންތިޒާމްކޮގެން ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ފީބާ ރޭޑިޔޯއިން "ސީދާ ހިތުން" ގެ ނަމުގައި ފޮނުވި ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި 1998 ވަނަ އަހަރުގެ ތެރޭގައި ސީޝެލްސްގެ ރައީސަށް ދިވެހި ސަރުކާރުން ރަސްމީ ސިޓީއެއް ފޮނުއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެ ސިޓީގެ ޖަވާބުގައި އެ މަނިކުފާނު (ސީޝެލްސްގެ ރައީސް) ވިދާޅުވީ ދިވެހިންގެ އިހުސާސްތަކަށް ތިމަންނަމެން އިހުތިރާމް ކުރައްވަމޭ. އެހެން ނަމަވެސް މި ޕްރޮގްރާމަކީ ދުނިޔޭގެ ފައްޅިއާ ބެހޭ ވަރަށް ބޮޑު ޖަމާއަތަކުން ހިންގާ ޕްރޮގްރާމެކޭ. ތިމަންނަމެން ކަހަލަ ކުޑަ ގައުމަކުން އެކަހަލަ ފިޔަވަޅެއް ކުއްލިއަކަށް އަޅައިފިވިއްޔާ، ތިމަންނައަށް ވަރަށް ބޮޑެތި ދަތިތަކެއް ބައިނަލްއަގްވާމީ ގޮތުން އެ މީހުން މެދުވެރި ކުރުވާނެ އޭ. އެހެންކަމުން ތިމަންނަމެން އެ ކަންތައް ވަރަށް ހިކުމަތްތެރި ގޮތެއްގައި ގެންދެވޭތޯ ބައްލަވާނަމޭ. އެހެން ވިދާޅުވެފައި އެއް އަހަރު ފަހުން އަދިވެސް ޕްރޮގްރާމް ނުހުއްޓޭތީ އަޅުގަނޑު ދެވަނަ ސިޓީއެއް ސީޝެލްސްގެ ރައީސަށް ފޮނުވީ. މި ސިޓީތައް ރައީސް އޮފީހުގައި ހުންނާނެ. އަޅުގަނޑު ހަމަ ބޭނުންވިއްޔާ ނޫސްތަކަށް ވެސް ދޭނަން. އެ ސިޓީގައި އަޅުގަނޑު ދަންނަވާފައިވާނެ ތިޔަ ވިދާޅުވި ވާހަކަ އަޅުގަނޑު ގަބޫލުކުރަމޭ. އެހެން ނަމަވެސް ދިވެހި ރައްޔިތުން ބޭނުމެއް ނޫނޭ މި ޕްރޮގްރާމް ރާއްޖެއަށް އަންނާކަށެއް. ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ. ދިވެހިންގެ ދީނީ ޝުއޫރުތަކަށް މީގެ ސަބަބުން ވަރަށް ބޮޑު އުނިކަން ލިބެމުން އެބަދެއޭ. އެހެންވީމަ އަދިވެސް މަސައްކަތް ކޮށްދެއްވާށޭ ތި ޕްރޮގްރާމް ހުއްޓުވައި ދެއްވުމަށް. ދެން މަޑުމަޑުން ގޮސް އެ ޕްރޮގްރާމް ހުލިވެގެން ގޮސް ހުއްޓިގެން ދިޔައީ،" މައުމޫން ވިދާޅުވި އެވެ. "އެއީ ދިވެހި ސަރުކާރުން ކުރި މަސައްކަތުން، ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު އިސްވެ ހުރެ ކުރި މަސައްކަތުން ލިބުނު ނަތީޖާއެއް. ދެން މި ޕްރޮގްރާމް ހިންގި އިރު ޓްރިވެންޑްރަމްގައި ތިބި ބަޔަކު ދިވެހިންގެ ބަޔަކާ ގުޅިގެން އެކަމާ ބެހޭ ސީޑީތަކެއް ހަދައި، އިންޖީލު ދިވެހި ބަހަށް ތަރުޖަމާކޮށް އަދި އޭގައި ހުންނަ ލަވަތައް ދިވެހި ބަހުން ހަދައި މި ކަންތައްތައް ކުރި. އަދި އެ އެއްޗެހިތައް ރާއްޖެއަށް ފޮނުވައި ވެސް ހެދި. އަދި އެ ސްރީލަންކާ އަށް ގެންގޮސްގެން އެތާނގައި ހުރި ކޮންމެވެސް ރޭޑިޔޯ ސްޓޭޝަނަކުން ފޮނުވަމުން ގެންދިޔަ."
މައުމޫން ވިދާޅުވީ އެ މަސައްކަތް ކުރި ދިވެހިންގެ ތެރޭގައި މިހާރު ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ މީހުންނާ ގުޅުން ހުރި ކިތަންމެ ބަޔަކު އެބަތިބި ކަމަށެވެ. އަދި މައުމޫން ވިދާޅުވީ ދިވެހި ބަހަށް އިންޖީލު ތަރުޖަމާކުރި ދިވެހިންގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ ގުޅުން ހުރި އަދި އެ މީހުންގެ ތިމާގެ މީހުން ހިމެނޭ ކަމަށެވެ.
"މި ހިރީ އެ މީހުން ކަންތައް ކުރި ގޮތް. އަދި މިހާރު އެތަނުން އެއް ޕާޓީއަކަށް އެންމެ އެހީތެރިވާ ބޭރުގެ އެއް ފަރާތަކީ، އައްސަވާނެ އޭނާގެ ނަން، އިނގިރޭސިއެއް. އޭނާއަކީ ފައްޅިއެއްގެ ޖަމާއަތެއްގެ މެމްބަރެއް. އޭނަ ފައިސާ ހޯދަނީ އެ ފައްޅީގެ ފައިސާގެ ތެރެއިން. އެ ފައިސާތައް އެ ފޮނުވައިދެނީ މި ދެންނެވި ރާއްޖޭގައި އުފެދިފައިވާ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކަށް. އެ ސިޔާސީ ޕާޓީތަކުން ކެމްޕެއިންގައި އެ ހަރަދުކުރަނީ އެ ފައިސާއިން. ފައްޅީގެ ޖަމާއަތަކުން ދޭ ފައިސާއިން،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި ނަސޯރާދީން ފެތުރުމަށްޓަކައި ފީބާ ރޭޑިއޯއިން ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން 1990 އިގެ ކުރީކޮޅު ހަމަ އެކަން ކާމިޔާބުކުރުމަށްޓަކައި ނަސޯރާދީނާ ބެހޭ ޖަމާއަތަކުން ހިންގި ޖޮޝުއާ ޕްރޮޖެކްޓް ވެސް ހުއްޓުނީ ދިވެހި ސަރުކާރުގެ މަސައްކަތުންކަން މައުމޫން ރޭ ފާހަގަ ކުރެއްވި އެވެ. ދެހާސްވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފައްޅިއެއް އެޅުމަށް އެކުލަވާލި އެ ޕްރޮޖެކްޓް ހުއްޓުވައި އެކަމުގައި ހަރަކާތްތެރިވި ބޭރު މީހުން ވަގުތުން ރާއްޖެއިން ޑީޕޯޓްކޮށް، އެކަމުގައި އުޅުނު ދިވެހިން ހަމަޔަކަށް އެޅުވުމަށްޓަކައި ސަރުކާރުން ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.
މައުމޫން ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކަންތައްތައް އޮޅުވާލަމުންދަނީ ވަރަށް ރަނގަޅު ޕްލޭނެއްގެ ދަށުން ކަމަށެވެ.
އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ރޭ މައުމޫނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން ވިދާޅުވީ 1978 ނޮވެމްބަރު 11 އިން ފެށިގެން މިހާތަނަށް 221 މިސްކިތް އަލަށް އިމާރާތް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން މައުހަދު އުފެއްދުމާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް އުފެއްދުމާއި ކޮންމެ ރަމަޟާން މަހެއްގައި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ދިވެހި ސަރުކާރުން ހިންގަމުންގެންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ ރާއްޖޭގައި އިސްލާމީ އަގީދާ މީހުންގެ ހިތްތަކުގައި އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށާއި ޅަ ކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ގަދަރު އިތުރުކުރުމަށާއި ރާއްޖޭގައި ދީނީ ކަންތައްތައް ރައްކާތެރި ކުރުމަށާއި ދީނީ ކަންތައްތައް ކުރިއަށް ގެންދިއުމަށް، މި ކުރާ މަސައްކަތާ އެއްވަރުގެ މަސައްކަތެއް މުޅި ދިވެހި ތާރީހުގައި ވެސް ކުރެވިފައެއް ނެތޭ. ދިވެހިރާއްޖޭގެ ދިގު ތާރީހުގައި އެތައްއެތައް ރަސްކަލުންނެއް ވެއްޖެ ރަސްކަން ކުރައްވާފައި. އަދި އަޅުގަނޑުގެ ކުރިން ދެ ރައީސުން ވެއްޖެ ރައީސްކަން ކުރައްވާފައި. އެހެން ނަމަވެސް މި ތާރީހުގެ މައްޗަށް ބަލާލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ދީނީ ކަންތައްތައް މީހުންގެ ހިތްތަކަށް ވައްދައި، މީހުންގެ އަގީދާ ހަރުދަނާކޮށް، ދީނަށް ލޯބި ޖެއްސުމަށް ކުރާ މަސައްކަތާ އެއްވަރު ކީއްކުރަންތޯ، ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ދިގު ތާރީހުގެ އެއްވެސް ދުވަސްވަރެއްގައި ކުރެވިފައެއް ނެތް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ