ޑްރަގް ކޯޓު އިދާރީގޮތުން ހިންގަން ފަށައި އެ ކޯޓުގެ ގަވާއިދު ގެޒެޓްކޮށްފި

އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި ޑްރަގް ކޯޓު އިދާރީގޮތުން މިއަދު ހިންގަން ފަށައި އެ ކޯޓުގެ ގަވާއިދު ގެޒެޓްކޮށްފި އެވެ.ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ މީޑިއާ އެންޑް ޕަބްލިޝިން ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މާޖިދު ވިދާޅުވީ ޑްރަގް ކޯޓުގެ އިދާރީ މަސައްކަތްތައް މިއަދު ފެށި ނަމަވެސް މައްސަލަތައް ބަލައިގަނެ ޝަރީއަތްތައް އަދި ނުފަށާ ކަމަށެވެ. ޑްރަގް ކޯޓު ގާއިމުކޮށްފައި ވަނީ ކަސްޓަމްސް ކައިރީ ހުންނަ ފަންހިޔާ ބިލްޑިންގުގަ އެވެ. އެއީ ކުރިން ޖުވެނައިލް ކޯޓު ހިންގި އިމާރާތެވެ.މާޖިދު ވިދާޅުވީ މިހާރު ޑްރަގް ކޯޓަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބަޖެޓްގެ ދަތިކަން ކަމަށާއި ޑްރަގް ކޯޓަށް ވަކި ހާއްސަ ބަޖެޓެއް ނެތް ކަމަށެވެ. އެހެން ކަމުން މިހާރު އޮތް ހަމައެކަނި ގޮތަކީ ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ޑްރަގް ކޯޓުގެ ހަރަދުތައް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލުކޮށްފި ނަމަ ޝަރުއީ ދާއިރާގެ އެތައް ޕްރޮގްރާމްތަކެއް ކެންސަލް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ބަޖެޓްގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް މާޖިދު ވިދާޅުވި އެވެ.ޑްރަގް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޑްރަގް ކޯޓަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަންތައް ތަކުގެ ތެރެއިން އެ ކޯޓުގެ ގަވާއިދު ހަދާ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައި ހުރި ޑްރަގް ކޯޓުގެ އިހްތިސާސްގެ ތެރޭ ހިމެނޭ މައްސަލަތައް މިހާރު ޑްރަގް ކޯޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.މަހާޒް ވިދާޅުވީ ޑްރަގް ކޯޓް ހިންގަން ލިބިފައިވާ އިމާރާތުގައި ޖާގައިގެ ދަތިކަން ބޮޑު ކަމަށާއި ޝަރީއަތްކުރަން އަދި ހުރީ އެންމެ ކޮޓަރިއެއް ކަމަށެވެ. އަދި މިއަދު އިދާރީ ގޮތުން ހިންގަންފެށީ މަދު މުވައްޒަފުންތަކަކާ އެއްކޮށް ކަމަށާއި އެއީ ޖާގައިގެ ދަތިކަން އެގޮތަށް ހުރުމުން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑްރަގް ކޯޓު ހިންގުމަށް ނެޝަނަލް ޑްރަގް އޭޖެންސީ އާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެފަދަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.ޑްރަގް ކޯޓަކީ އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން، މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށްޓަކައި އުފެދުނު ހާއްސަ ބާރުތަކެއް ލިބިފައިވާ މަދުވެގެން ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ