އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ތޮލްހަތު އެޗްއާރުސީއެމް އަށް ހާޒިރުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނެ މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހާޒިރުކޮށްފި އެވެ.
ގާނޫނީ ވަކީލު ނޫރުބާން ފަހުމީއާ އެކު ހަވީރު 00: 4 ގައި އެޗްއާރުސީއެމް އަށް ވަޑައިގަތުމަށް ފަހު، ތޮލްހަތު "ހަވީރަ" ށް ވިދާޅުވީ އަބްދުﷲ ގާޒީ އެކަހެރިކޮށް ގިރިފުށީގައި ބަހައްޓަން ޖެހުނު، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގެ މައުލޫމާތު އެ ކޮމިޝަނަށް އޭނާ ނުދެއްވާ ކަމަށެވެ.
"ސަބަބަކީ އެއީ ގައުމީ ސަލާމަތާ ގުޅޭ އިޝޫތަކެއް ވީމަ. އެ ކަންކަމާ ބެހޭ ގޮތުން އަޅުގަނޑު ވަކި އެއްޗެއް ނުދަންނަވަން. އެހެން ނަމަވެސް އެކަމުގެ ތެރޭގައި ހިއުމަން ރައިޓްސް ވައިލޭޝަންގެ އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށް ދެންނެވިން. އެ ބޭފުޅުންނަށް ]އެޗްއާރުސީއެމް[ ދެންނެވިން އިންސާނިއްޔަތާ ހިލާފު އެއްވެސް ކަމެއް ހިނގާފައެއް ނުވާނެ އޭ. އޭނާ އަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ދިނީމޭ،" ތޮލްހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ އެކަހެރިކޮށް ބެހެއްޓީ އެކަން ނުކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވެ އެކަން އެންގެވުމުން ކަމަށެވެ. އެހެން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތުގެ ތަފުސީލެއް ތޮލްހަތު ވިދާޅެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ސަބަބު ހޯދުމަށް ކުރީގެ ރައީސް ނަޝީދު އެޗްއާރުސީއެމަށް ހާޒިރު ކުރެއްވުމުން އެ މަނިކުފާނު ވެސް ވިދާޅުވެފައި ވަނީ އެ ފިޔަވަޅު އެޅީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. އަދި އެ ފިޔަވަޅު ޑިފެންސް މިނިސްޓްރީން އެޅީ ހޯމް މިނިސްޓްރީގެ އެދުމަކަށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ސަރުކާރުން 22 ދުވަސް ވަންދެން އަބްދުﷲ ގާޒީ ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނެވެ. އޭނާ ދޫކޮށްލީ ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ބަދަލުވުމާއެކު އެވެ. އެހެން ނަމަވެސް އޭނާ ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމުރު ނެރެ އަދި އެހެން އެތައް މުއައްސަސާއަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ