ފާރިސްގެ މައްސަލަތައް ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ ސެކްޝަނަށް ނަގާފައި: މައުމޫން

ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ފާރިސް މައުމޫން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ދެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް އެ ދެ މައްސަލަ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ބަދަލުކޮށްފައިވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިކަން ހާމަކުރެއްވީ ފާރިސްްގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ހައިކޯޓާ ހަވާލާދީ ލިޔެފައިވާ ވާހަކަތަކެއްގަ އެވެ.
ހައިކޯޓުގައި ފާރިސް އިސްތިއުނާފް ކޮށްފައިވަނީ އޭނާ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ މައްސަލައާއި، ފާރިސްގެ މައްޗަށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ކުރާ ތުހުމަތާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ މައްސަލަ އެވެ.
މި ދެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލާފައިވާ ކަމަށް މިމަހުގެ ނުވަވަނަ ދުވަހު ފަނޑިޔާރުން އިއުލާންވެސް ކުރައްވާފައިވެ އެވެ. އަދި އޭގެ ފަހުން މި ދެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 20 ވަނަ ދުވަހު ތާވަލްކުރުމަށްފަހު އިދާރީ ސަބަބަކާ ހުރެ އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
މިކަންކަމަށް ރިއާޔަތް ކުރައްވާ މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ފާރިސް ހުށަހަޅުއްވާފައިވާ މައްސަލަތައް ނިންމުން ލަސްވާ ކޮންމެ ދުވަހަކީ ފާރިސް ބަންދުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އިތުރު ދުވަހަކަށް ވުމުގެ އިތުރުން، ފާރިސްއާއި އާއިލާގެ އެތައް ހައްގެއް އިތުރަށް ގެއްލިގެންދާ ދުވަހެއް ކަމަށެވެ.
އެހެންކަމުން ނިންމުމުގެ މަރުހަލާގައިވާ ދެ މައްސަލަ އިސް ފަނޑިޔާރު ސެކްޝަނަށް ނަންގަވަންޖެހިވަޑައިގެންނެވި ސަބަބާއި، ފާރިސްގެ މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ވީއެންމެ އަވަހަށް އަންގަވައިދެއްވުމަށްވެސް މިސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ރިޝްވަތު ދެއްވުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ހައްޔަރުކުރި އަހްމަދު ޝާފިއު ކިޔާ މީހަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ޝާފިއުގެ މައްސަލަ މިދިޔަ ހަފްތާގައި ނިންމާފަ އެވެ.
އަހްމަދު ފާރިސް މައުމޫނާއި، މައުމޫން ހަމީދަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ