ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގާ ހ. ތެމާގައި ނަގާފައި ހުރި ގައުމީ ދިދަ ފުލުހުން ވަދެ ބާލުވައިފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައި ދިދަ ބޭލުވީ ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލެއް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާތީ އެ އުސޫލު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
ގައުމީ ދިދަ މިއަދު ބޭލުވުމުގެ ކުރިން ބައެއް ކަންކަން އިސްލާހު ކުރުމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުގެ އިސް ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.
ގައުމީ ދިދަ ބޭލުމަށް ފުލުހުންގެ ފަރާތުން ޕީޕީއެމްގެ ރައީސްގެ އޮފީހަށް މިމަހުގެ އަށްވަނަ ދުވަހުގެ ރޭ އެންގި ކަމަށް އެ އޮފީހުން ވެސް ޔަގީންކޮށްދީފައިވެ އެވެ.
ހޯމް މިނިސްޓްރީން މިމަހުގެ އަށްވަނަ ދުވަހު އާންމުކޮށްފައިވާ ގައުމީ ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒު ކަމަށްވުމުން މި އުސޫލަކީ ގައުމީ ދިދައަށް ހުރުމަތްތެެރިކޮށް ހިތުމަށްްޓަކައި، ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި، ދިދަ ބަހަންޓަންވީ ގޮތް، އަދި ދިދަ ގެންގުޅުމުގައި ބޭނުންކުރަންވީ ހަމަތަކާއި މިންތައް ބަޔާންކުރާ އުސޫލު ކަމަށެވެ.
މި އުސޫލުގައި ދިވެހި ދިދަ ހުންނާނެ ގޮތާއި، ދިދަ ބޭނުންކުރެވޭނެ މިންތަކާއި، ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހަންޓަންޖެހޭ ތަންތަން ވެސް ވަނީ ބަޔާންކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ރިޔާސީ ގަނޑުވަރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ހުންނަވާ ރަސްމީގެ، ރައްޔިތުންގެ މަޖިލީސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް، ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު، އަދި ފުލުހުންގެ މައި މަރުކަޒެވެ.
މީގެ އިތުރަށް މި އުސޫލުގައި ވަކި ވަގުތުތަކުގައި ދިދަ ނަގާފައި ހުންނާނެ ތަންތަނާއި، ދިދަ ނެގުމުގައި ހުއްދަ ހޯދުމާއި، އާންމު ގޮތެއްގައި ދިދަ ބޭނުންކުރާނެ ގޮތާއި، އެހެން ދިދައަކާއިއެކު ގައުމީ ދިދަ ބޭނުންކުރާނެ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަންވާނެ ގޮތްވެސް ވަނީ ބަޔާންކޮށްފަ އެވެ. މިއުސޫލުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ގައުމީ ދިދަ ނަގަންޖެހޭ ތަންތަނުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ އޮފީސްތައް ވެސް ހިމެނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ދިވެހި ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމުން މި އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން ދިދަ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
ގައުމީ ދިދަ ބޭނުންކުރާނެ އުސޫލެއް އެކުލަވާލުމުން އެއީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ. މީގެ ތެރޭގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް ހިމެނެ އެވެ. މައުމޫން ވިދާޅުވެފައިވަނީ ގައުމީ ދިދަ ބޭނުންކުރުމަކީ އެންމެންގެ ހައްގެއް ކަމަށެވެ.
މައުމޫން އޮފީހުގައި ހުރި ދިދަ ބާލުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ