އިހުމާލުވެފައި އޮތް ފިލްމީ ދާއިރާގެ ކަންކަން ރަނގަޅުކުރަން ކޮމެޓީއެއް!

ދިވެހި ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، ފަންނާނުންގެ ތެރެއިން އިސް ބޭފުޅުންތަކެއް ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލައްވާ، ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ފަންނާނުންގެ ފޯރަމް" މިނަމުގައި ރޭ އޮލިންޕަހުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިލްމީ ދާއިރާގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދާއިރާގައި ހިމެނޭ ފަރާތްތަކުގެ އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ބޭއްވެވި ފޯރަމްގައި ފިލްމީ ތަރިން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެކަމުގެ މައުލޫމާތުވެސް ފަންނާނުން ވަނީ ހިއްސާކޮށްފައެވެ.
ފަންނާނުން ވަނީ ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަންނާނުންގެ ތެރެއިން އިސް ބޭފުޅުންތަކެއް ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލެއްވުމަށް ހުށައަޅުއްވާފައެވެ. އެންސީއޭގައިވެސް އިސް ބޭފުޅެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒު ހުށައެޅުއްވި މި ހުށައެެޅުއްވުމާއި ގުޅިގެން މިނިސްޓަރު ވަނީ ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކޮމެޓީއެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެފައެވެ.
އަދި ފިލްމީ ދާއިރާގެ ކުރިއެރުމަށް ކޮށްދެެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ