ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ޑިޖިޓަލް ދަފްތަރެއް މިއަހަރުގެ ތެރޭގައި ތައާރަފު ކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ، މިފަދަ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ލޭ ހޯދުމަށް ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާ ކުރާ ދީލަތި ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ’ވަންގަވް‘ ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމު މިހާރު ގާއިމުކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ، ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކާއި އެހެނިހެން ސިއްހީ ސަބަބުތަކަށްޓަކައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިތުބާރުހުރި ނިޒާމެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ލޭ ހަދިޔާކުރާ މީހުންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހަލީމް ވިދާޅުވީ، ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ އަގުނުކުރެވޭ ފަދަ މުހިންމު އެއްޗެއް ކަމަށާއި، ލޭ ހަދިޔާކުރުމަކީ މުޖުތަމައުގައި އެންމެންވެސް ސަމާލުކަން ދޭންޖެހޭ އިންސާނީ މަސައްކަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ހަލީމް ވަނީ ތެލަސީމިއާ ސެންޓަރުގެ 35 އަހަރުގެ ދިގު ތާރީޚުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓްރީގެ މަސައްކަތް ފެށި، ހުކުރު ދުވަސްތަކުގައި ވެސް ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ޚިދުމަތް ދޭން ފެށުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހު ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށެވެ. މި ހަފްލާގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ލޭ ހަދިޔާކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފްތަރެއް މިއަހަރު ތައާރަފު ކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ