ތަހްގީގު ފަސްކުރަނީ ފާރިސް މައުމޫން: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ގުޅޭގޮތުން ތަހްގީގްކުރަމުންދާ މައްސަލަ ފަސްކުރަނީ އޭނާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެ އިދާރާއިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައެވެ.
މި ބަޔާނުގައި ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހްގީގްކުރަމުންދާ މައްސަލައަކާއި ގުޅިގެން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ފުލުހަށް ހާޒިރުކުރުމުން، ތަހްގީގު މަރުހަލާގައި ލިބިދެވޭ ގާނޫނީ ވަކީލެއްގެ ހައްގުގެ ބޭނުންހިފާ، ގާނޫނީ ވަކީލަކާއިއެކު ތަހްގީގް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތުމުން އެފުރުސަތު ދީފައިވާނެކަމަށެވެ.
ނަމަވެސް ގާނޫނީ ވަކީލަކާއިއެކު ހާޒިރުވުމަށް ދިން ފުރުސަތުގައި، 5 ފަހަރު މަތިން ހާޒިރުވިއިރުވެސް ގާނޫނީ ވަކީލަކު ގެންނަވާފައިނުވާކަމަށެވެ.
އަދި ވަކި މަގްސަދެއް ހާސިލްކުުރުމަށް ފާރިސް މައުމޫން ފުުލުހަށް ހާޒިރުކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކިނަމަވެސް މިކަމަކީ ފާރިސް މައުމޫން އަމިއްލައަށް މި މައްސަލައިގެ ތަހްގީގް ލަސްކުރުމަށް ކުރެވޭކަމެއްކަމަށް ދެކޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދިނުމާއިއެކު، ހަގީގަތް އޮޅޭފަދަ ވާހަކަތައް ނުދެއްކުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ