ޕީޕީއެމްގެ މައްސަަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޔުމްނާ

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން އެމައްސަލަ އިސްތިއުނާފް ކުރާނެ ކަމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޔުމްނާ ވިދާޅުވީ ހައިކޯޓުގެ ހުކުމާއި މެދު ރައީސް މައުމޫން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ރައީސް މައުމޫން ނިންމަވާފައިވާ ކަމަށެވެ.
ޔުމްނާ ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި ރައީސް މައުމޫންގެ ދައުރު ހަމަނުވަނީސް އެމަނިކުފާނުގެ ބާރުތައް ގެއްލޭ ގޮތަށް ކަންކަން ވެެގެން ދިއުމަކީ ޕާޓީގެ އެތައް މެންބަރުންގެ ހައްގުތަކެއް ގެއްލިގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވެސް މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސްއަކީ ކާކުތޯ ސުޕްރީމް ކޯޓުގައި ސުވާލުކުރައްވާނެ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ރައީސެއް ނެތް ފަދަ ހާލަތެއް ކަމަށާއި އެހެންކަމުން ޕާޓީގެ ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ހުކުމްކުރާ ކަމަށެވެ. އަދި އެހުކުމް ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރުގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގެ މިހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ހާއްސަ ހާލަތެއް ކަމަށެެވެ. އެހެންކަމުން މިމައްސަލާގައި ކޯޓުން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމާ ގުޅޭގޮތުންވެސް މައްސަލަތަކެއް އުފެދިފައިވާ ވަގުތެއްގައި އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރުން ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމް މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން ހުރިހާ ބޭފުޅުންވެސް އެމަނިކުފާނާއެކު ތިއްބެވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ